Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ދިވެހި ފުލުހުންނަށް ޗައިނާ އިން ތަކެތީގެ އެހީ

ފުލުހުންގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި 2.4 މިލިޔަން ރުފިޔާގެ ތަކެތި ދޭން ޗައިނާއިން ނިންމައިފި އެވެ.

މިކަމާ ބެހޭ އެއްބަސްވުމުގައި ދިވެހި ފުލުހުންނާއި ޗައިނާ ސަރުކާރާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު މުޙައްމަދު ހަމީދެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް ވާން ލީޒީން އެވެ. ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަ ތަރައްގީކުރުމަށްޓަކައި ހަވާލުކުރާ ތަކެތީގެ އަގަކީ 1 މިލިއަން ޔުއާން (2.4 މިލިޔަން ރުފިޔާ) އެވެ.

ޗައިނާ ސަފީރު ވިދާޅުވީ ފުލުހުންނަށް ހަވާލުކުރާ ތަކެއްޗާ އެކު އައިސީޓީޑީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިއުމަން ރިސޯސަސް އާއި ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މި އަހަރާއި އަންނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރައޯރިޓީތައް ކަނޑައަޅާ ނިމިފައިވާ ކަމަށާއި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތަށް ޗައިނާ އިން ދޭ ތަކެތީގެ ސަބަބުން ފައިދާވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަމަށްޓަކައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.