ހަށި ވިއްކުމާއި ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކާ ބިދޭސީންތަކެއް ޑީޕޯޓް ކުރިކަން ހާމަކޮށްފިއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ފުލުހުންނާއެކު ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމުގައި ހަރަކާތްތެރިވާ 11 ބިދޭސީއަކު ނުހަނު ފަހުންވެސް ޑީޕޯޓް ކޮށްލާފައިވާކަމަށެވެ.
މީގއިތުރުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ހަށިވިއްކުމުގެ ކަންކަމުގައި އުޅޭ 46 ބިދޭސީއެއްވެސް ޑީޕޯޓް ކޮށްލާފައިވާ ކަމަށް ހަނަފީ ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ފުލުހުންނާ ގުޅިގެން ކޮންމެ ހަފްތާއެއް ކަހަލަ ގޮތަކަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، އެމީހުން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ މައްސަލަތައްވެސް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބައިވެރިވުން ބޮޑުކަން އިދާރާތަކުން ފާހަގަކުރެއެވެ.