މަންޓާ އެއާގެ ދަތުރުތައް މިއަދު އައްޑު އަށް ފަށައިފި އެވެ.
ދެހާސް ނަވާރަ އިން ފެށިގެން އެތެރޭގެ އުދުހުންތަކަށް އޮޕަރޭޓްކުރަމުން އަންނަ އެއާލައިނުން އައްޑު އަށް ދަތުރުތައް ފެށުމާ އެކު، މަންޓާ އިން ދަތުރުތައް ބާއްވަމުން އަންނަަ އެއާޕޯޓްތަކުގެ އަދަދު މިހާރު ވަނީ ތިނެކަށް އިތުރުވެފަ އެވެ. މިހާތަނަށް މަންޓާ އިން ދަތުރުތައް ބާއްވަމުން އައީ ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ.
ގަމަށްއެ އެ އެއާލައިނުން މިއަދު ދަތުރު ފެށީ އެކަމާ ގުޅުވައިގެން މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކާ ވެސް އެކީީގަ އެެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 26 އަށް "މަންޓާ އައްޑޫ ޕްރޮމޯ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެ އެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ. އަދި 35 ކިލޯގެ ލަގޭޖާ އެކީ ސަފާޔާ (ބިޒްނެސް) ކްލާހުގައި 1،850ރ. އަށް ދަތުރުކުރެވޭނެ އެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.
މަންޓާ އިން ނިންމާފައި އޮތީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެއް ދަތުރު ގަމަށް ބާއްވާށެވެ. އެކަމަކު ޑިމާންޑަށް ބަލައިފައި ދަތުރުތައް އިތުރުކުރާނެ އެވެ. އަދި މި ދަތުރުތަކަށް ބޭނުން ކުރާނީ ޖާގަ ތަނަވަސް، ޕެސެންޖަރުންނަށް ހިތްފަސޭހަކޮށް ދަތުރުކުރެވޭ ކަހަލަ ބޯޓްތަކުގަ އެވެ.
މަންޓާގެ ދަތުރުތައް ރާވާފައި ވަނީ ގަމަށް ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ ސްރީ ލަންކަން އެއާލައިންސްގެ ދަތުރާ ވެސް ދިމާކޮށެވެ. އެހެންވެ އެއިން އަންނަ މީހުންނަށް ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ލިބިގެން ދާނެ އެވެ. މަންޓާގެ ދަތުރުތައް ފެށުމާ ގުޅިގެން ސްރީ ލަންކަން އެއާލައިންސް މިހާރު ވަނީ އަންނަ މަހުގެ 29 އިން ފެށިގެން ގަމަށް ކުރާ ދަތުރު ދޭކަށް އިތުރުކުރަން ވެސް ނިންމައިފަ އެވެ.
މަންޓާ އެއާ އިން ރާއްޖޭގެ އެންމެ ދެކުނަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމިކަން އިއުލާންކުރީ މި މަހުގެ 6 ގަ އެވެ.
އެ އެއާލައިނުން މިއަދު އައްޑު އަށް ދަތުރުތައް ފެށުމުގެ ކުރިން ގަމަށް ހަމައެކަނި ޑޮމެސްޓިކް ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. ކުރިން ގަމަށް ވިލާ އެއާގެ ފްލައިމީން ވެސް ދަތުރުތަކެއް ބޭއްވި އެވެ.