Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ރަޝީޔާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފަށައިފި

ޔޫކްރެއިންގެ ސިފައިން-- ފޮޓޯ: އޭއެފްޕީ

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށައިފިއެވެ.

ރަޝީޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިމިވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާކަން ރަޝީޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިން އިއުލާނު ކުރެއްވި ފަހުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ބޮޑެތި ސިޓީތަކުގައި ގޮވުންތަކުގެ އަޑުތައް އިވިފައިވާ ކަމަށެވެ.

މިހަމަލާތަކާ ގުޅޭގޮތުން ރަޝީޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އަސްކަރީ އޮޕަރޭޝަންގައި ހަމަލާތައް އަމާޒުކުރެވެނީ ޔޫކްރެއިންގެ އަސްކަރީ އުޅަނދުތަކަށް އަދި ތަންތަނަށް އެކަނި ކަމަށެވެ.

ޔޫކްރެއިންގެ އިރުމަތީގައި އޮތް ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ރަޝީޔާއިން މިފަހުން ވަނީ ބަލައިގެންފައެވެ. އަދި އެ ދެސަރަހައްދުގެ ވެރިންގެ އެދުމަށް އެ ދެ ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ރަޝިޔާގެ ސިފައިން ފޮނުވުމަށް ޕޫޓިން އަމުރު ކުރައްވާފައިވެއެވެ.

ޔޫކްރެއިންގައި މިވަގުތުވެސް ދިވެހި ދަރިވަރުން ތިބި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫކްރެއިންގައި ތިބި ދިވެހިން ގެނައުމަށް ފޮރިން މިނިސްޓްރީއަށް އަންގަވާފައެވެ.