Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ބޮޑު ހިޔާނާތް ނުބެލޭތީ ނަޝީދުގެ ކަންބޮޑުވުން

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރަން ބޭރުގެ ފޮރެންސިން އޮޑިޓަރުން ހޯދުމަށް ވަރަށް ބޮޑަށް ސަރުކާރުގައި އެދިވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހިޔާނާތުގެ ތަހުގީގު ރަނގަޅަށް ނުހިނގުމަކީ ދައުލަތް ފެއިލްވުން ކަމަށެވެ.

"ދެން ވެސް މައްސަލަތައް ރަނގަޅަށް ތަހުގީގުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ." ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ހިޔާނުގެ މައްސަލައިގެ ރަނގަޅަށް ނުބެލި، އެ ހިޔާނާތުގެ ތެރެއިން މާލީ އެތައް މަންފާއެއް އެތައް ބަޔަކު ބަޔަކަށް ފިޔަވަޅު ނޭޅި އޮތުމަކީ އާންމު ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެމްއެމްޕިއާރްސީގެ ހިޔާނާތުގެ ތެރެއިން މާލީ މަންފާތައް ލިބިވަޑައިގެންނެވި ކަމަށް ބެލެވޭ ގިނަ މީހުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެތައް ބަޔަކާއި މިހާރުގެ ސަރުކާރުގެ ތެރޭގައި ވެސް އުޅޭ އެތައް ބައެކެވެ. މީގެ ތެރޭގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންތަކެއް ވެސް ހިމެނެ އެވެ. އަދި ހިޔާނާތުން މަންފާ ލިބުނު ކަމަށް ބެލެވޭ 281 މީހެއްގެ ލިސްޓެއް މަޖިލީހުން މިދިޔަ އަހަރު އާއްމު ވެސް ކުރި އެވެ.

އަދި އެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ދަށު ކޯޓުން ސާބިތުކޮށްފައި ވަނީ ރައީސްޔާގެ މައްޗަށް އުފުލު މަނީ ލޯންޑަރިންގެ މައްސަލަ އެވެ. އެކަމަކު މައްސަލަ ވެސް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.