ހަނގުރާމައިން ގެނެވޭނެ ސުލްހައެއް ނޯންނާނެ ކަމަށާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުން ކަމަށް އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖެގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރަޝިޔާ – ޔޫކްރެއިން ހަމަނުޖެހުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު، އެމަޖިލީހުގައި ދެއްކެވި ވާހަކައިގައި ވިދާޅުވީ އ.ދ.ގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނ ، "ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުން" ކަމަށްވާއިރު އެއިބާރާތަކީ އ.ދ އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
ޝާހިދު ވިދާޅުވީ އ.ދ.ގެ ޗާޓަރުގެ ފުރަތަމަ މާއްދާގައި، އ.ދ.ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސުލްހަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި މަގުން އަދި ޢަދުލު އިންސާފާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުންކަމަށެވެ.
އ.ދ.ގެ ހަޔާތުން ވޭތުވެގެން ދިޔަ މުއްދަތުގައި ލިބިފައިވާ ފިލާވަޅަކީ ދާއިމީ ސުލްހައަކީ، އަސްކަރީ މުޢާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުންކަމަށެވެ.
"އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިޞާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިޤުތިޞާދު ރުޖޫޢަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ދެބަސްވުންތައް ހައްލުކުރަން ޑިޕްލޮމަސީއާއި، އިސް ފަރާތްތަކުގެ އެހީތެރިކަމާއި، ސުލްހައިގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ތިބި ފަރާތްތަކަށް އިސްކަން ދިނުމަށް ގޮވާލައްވާފައެވެ. އަދި ސުލްހައަށް ހައްޤުވާ ހުރިހާ ފުރުސަތެއް ދިނުމަށްވެސް ގޮވާލައްވާފައިވެއެވެ.
ޝާހިދުވަނީ ހުރިހާ ފަރާތްތަކަށްވެސް، މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް ގޮވާލައްވާފައެވެ.