Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ހަނގުރާމަ ފެށިއިރު 20 ދަރިވަރަކު ޔޫކްރެއިންގައި

ރަޝީޔާއިން ޔޫކްރެއިންނަށް ހަމަލާދޭން ފެށިއިރު، 20 ދަރިވަރަކު ޔޫކްރައިންގައި އަދިވެސް ތިބިކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވަނީ، ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ހާރްކީވްގައި އުޅޭ ދިވެހިންގެ ތެރެއިން ފަސް ދަރިވަރަކު ފިޔަވައި އެހެން ހުރިހާ މީހުން އަނބުރާ ގެނެވިފައިވާކަމަށެވެ. އަދި ފޮރިން މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ގުޅިގެން އެ ފަސް ދަރިވަރުންގެ ހާލު ގާތުން ބަލަމުން އަންނަކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޔޫކްރެއިންގެ އިރުމަތީ ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއް ތިބި ކަމަށާއި، އެކުދިންގެ ހާލު ރަނގަޅުކަމަށެވެ. އަދި އެކުދިންގެ ކަންކަން ބަލަމުން އަންނަކަމަށެވެ.

މީގެއިތުރުން އެއް ދަރިވަރަކު އެހެން ސިޓީއެއްގައި ހުރި ކަމަށާއި، އެކުއްޖާގެ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހާލަތު ބަދަލުވަމުން އަންނަ ވަރަކުން އެ ދަރިވަރުުންނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ޔޫކްރެއިންގައި ތިބި ދިވެހިން އަނބުރާ ގެނައުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ފޮރިން މިނިސްޓްރީއަށް އެންގެވީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ.