Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ޒުވާނުންނަށް ކޯސްތަކެއް ހިންގަން ތިން ފަރާތަކާ ހަވާލުކޮށްފި

ޒުވާނުން ތަމްރީނު ކުރުމުގެ 11 ކޯހެއް ހިންގުމަށް ތިން ފަރާތަކަށް ހަވާލުކޮށްފިއެެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކޮވިޑްގެ ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ތިން ފަރާތަކާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އެ ތިން ފަރާތަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއެވެ.

މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް 3 ގެ ކޯސްތައް ހިމެނޭ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ދިވެހިންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވެއެވެ.

މި ކޯސްތައް ހިންގަން ތިން ފަރާތަކާއި ހަވާލުކުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށާއި ގައުމު ކުރިއަށްދާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެންކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންގެ ތާވަލާއި އެއްކޮށް ކުރިއަށްގޮސް 350 ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމުގެ އުފާވެރި ހަފްލާ ތާވަލާއި އެކީގައި ކުރިއަށްދާނެ ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށް މިއަދު އިއުލާން ކޮށްފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ކޯސްތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. މިއަދު އިއުލާން ކުރި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.