އައްޑޫ ގަމަށް ދަތުރު ފެށީ މިތަނަކީ އެތެރޭގެ އުދުހުންތަކަށް މާކެޓް އޮތް ތަނެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށާއި އެހެންވެ މަންޓާ އެއާގެ ދަތުރުތައް ހުއްޓައިލަން ޖެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް މިއަދު ގަމަށް ފެށުމާ ގުޅިގެން "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގަމަށް ދަތުރުތައް ފެށުމަކީ މަންޓާ އިން ފެށުނީއްސުރެ ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. އަދި އެކަން މިއަދު ކާމިޔާބުވުމުން ވަރަށް އުފާ ކުރައްވާ ކަމަދް ވެސް ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުގައި ގޮތުގައި މަންޓާ އިން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ފެށީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ބަލައި މާކެޓް ރިސާޗްތަކެއް ވެސް ހެދުމަށް ފަހު އެވެ. އަދި އެއާލައިންގެ ދަތުރައް އައްޑު އަށް ފަށައިދޭން އެދި އައްޑޫގެ ވަރަށް ގިނަ ބަޔަކު ތަކުރާރުކޮށް އެދެމުން ވެސް ދިޔަ ކަމަށް ވިދާޅުވި އެވެ.
"މި ތަނަކީ ޕޮޓެންޝަލް އޮތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލުރަނީ. އެހެންވެ ދަތުރުތައް ފެށީ ވަރަށްް ބޮޑު ހޯޕަކާ އެކު،" އޭނާ ވިދާޅުވި އެވެ. "ހަމަ ކަމެއް ފަށާ އުސޫލަކުން ނޫން އަޅުގަނޑުން މިކަން [ގަމަށް ދަތުރުތައް] ފެށީ."
މީގެ ކުރިން ވެސް ޑޮމެސްޓިކް ބައެެއް އެއާލައިންތަކުން ގަމަށް ދަތުރުތައް ފަށާފައި މާ ގިނަ ދުވަހެއް ނުވެ ހުއްޓާލަން ޖެހުމުގެ ތަޖުރިބާތައް ކުރަން ޖެހިފައި އޮތުމުން އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ހަލީލު ވިދާޅުވީ މަންޓާ އަށް އެހެން ނުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި އެ އެއާލައިނުން ދަތުރުތައް ފެށުމާ އެކު ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ގަމަށް މިހާރު ޝެޑިއުލް ދަތުރުތައް ކުރާ ސްރީ ލަންކަން އެއާލައިންސްގެ ދަތުރުރަކާ ދިމާކޮށް ހުވަދު އަތޮަޅަށް ކަނެކްޓިވިޓީ ދެވޭ ގޮތަށް ފަހިވެގެން ދިއުން ކަމަށެވެ.

އެހެންވެ މީގެ ސަބަބުން ދަތުރުކުރާ މީހުން ލިބޭ މިންވަރު އިތުރުވެ، ޑިމާންޑް އުފުލުމުގެ ފުރުސަތު ބޮޑުވެ، ދެމެހެއްޓެނިވި ގޮތަކަށް ދަތުރުތައް ކުރިއަށް ގެންދަން ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވި އެވެެ.
ސްރީ ލަންކާ އެއާލައިންސް ކޮންމެ ހޮނިހިރު ދުވަހަކު ގަމަށް ބާއްވާ ދަތުރާ ދިމާކޮށް ހުވަދު އަތޮޅަށް ކެނެކްޓިވިޓީ ދޭ ގޮތަށް ހަމަޖެއްސުމުން އެ އެއާލައިނުން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 29 އިން ފެށިގެން ގަމަށް ކުރާ ދަތުރު ދޭކަށް އިތުރުކުރާށެވެ.
ހަލީލު ވިދާޅުވި ގޮތުގައި ގަމަށް ކުތާ ދަރުތުތަކާ އެކު ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ލިބި ދަުރުކުރާ މީހުންގެ އަދަދު އިތުރުވުމުން ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ވެސް އަންނަން ފަށާނެ އެވެ. އެގޮތުން ޓޫރިޒަމާއި އެހެން ވިޔަފާރިތަކަށް ފުރުސަތުތައް ފަހިވާން ފެށުމުގެ ނަތީޖާއަކަށް ވާނީ ދަތުރުތަކުގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އައުން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މިއީ ވަރަށް ރަނގަޅު ފެށުމަކަށް ވާނެ. ހަމައެކަނި ހުވަދުއަކަށް ނޫން. ގަމުން އެހެން ދިމާތަކަށް ވެސް ކަނެކްޓިވިޓީ ލިބޭ ކަމަށް ވަންޏާ ވަރަށް ބޮޑެތި ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެން ދާނެ،" ހަލީލު ވިދާޅުވި އެވެ. "ދަތުރުތައް އިތުރުވާން ފެށިމަ އަގަށް ވެސް އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެން ބޭނުން ވަނީ ވެސް ޑިމާންޑަށް އަންނަ ބަދަލުތަކާ އެކު ދަތުރުތައް އިތުރުކުރަން." ހަލީލު ވިދާޅުވި އެވެެ
.
މަންޓާ އިން ފާހަގަކުރި ގޮތުގައި ޕްރައިވެޓް އެއާލައިނަކުން ދަތުރުތައް ކުރާ އިރު ސަރުކާރުގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލޮބެން ޖެހޭނެ އެވެ. އެގޮތުން މިކަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކޮށްދޭން ސަރުކާރުން އެއްބާރުލުން ލިބުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
"އަޅުގަނޑު މި ދަންނަވަނީ ފައިނޭންޝަލީ އެހީ ބޭނުންވާ ވާހަކައެއް ނޫން. ދަތުރުތައް ކުރިއަށް ގެންދަން ބޭނުންވާ އެހެނިހެން އެހީ އާއި އެއްބާރުލުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލިބެން ވާހަކަ. މީގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލާއި ކަމާ ގުޅުން ހުރި އެހެން ސްޓޭކް ހޯލްޑަރުންގެ އެހީ އާއި އެއްބާރުލުން ވެސް ބޭނުން ވާނެ،" ހަލީލު ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރެވޭ ކަމަށް ވަންޏާ ކާމިޔާބުކަމާ އެކު މިފަދަ ކަންކަން ނުހުއްޓި ކުރިއަށް ގެންދެވޭނެ."
މަންޓާ އިން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ގަމަށް ދަތުރެއް ބާއްވާނެ އެވެ. އަދި ދަތުރުތައް ފެށީ އެކަމާ ގުޅުވައިގެން މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކާ ވެސް އެކީީގަ އެެވެ.
އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 26 އަށް "މަންޓާ އައްޑޫ ޕްރޮމޯ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެ އެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ. އަދި 35 ކިލޯގެ ލަގޭޖާ އެކީ ސަފާޔާ (ބިޒްނެސް) ކްލާހުގައި 1،850ރ. އަށް ދަތުރުކުރެވޭނެ އެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.