އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީގެ އައްޑޫގެ ހަތަރު ދާއިރާގެ ޓިކެޓް ކާމިޔާބް ކުރި ފަރާތްތަށް އެ ޕާޓީން ނުރަސްމީކޮށް އިއްލާންކޮށްފި އެވެ.
އިއްޔެ ޕްރައިމަރީ ކުރިއަށް ގެންގޮސްފައިވާ ފޭދޫ ދާއިރާގެ ޓިކެޓް އައްލާގެ އަފީފްގެ ނިހާދު ކާމިޔާބް ކޮށްފައިވަނީ 224 ވޯޓުންނެވެ.
ޖުމްލަ ނުވަ ކެންޑިޑޭޓުން ވާދަކުރި މި ދާއިރާގެ ނަތިޖާ ދައްކާ ގޮތުން މިހާރު އެދާއިރާ ތަމްސީލު ކުރައްވާ އަލްހާން ފަހުމީ އަށް ލިބިފައި ވަނީ އެންމެ 100 ވޯޓެވެ. އޭނާ ވަނީ ނަތީޖާ ގަބޫލް ނުކުރާ ކަމަށް ވޯޓު ގުނާ ނިމުމާ އެކު ބުނެ ފައެވެ.
ފޭދޫ ދާއިރާގެ ކައުންސިލް އަހުމަދު މިރުޒާދު (މިރާ) މަޖްލިސް ޕްރައިަމަރީގައި ވާދަކޮށް ލިބިފައި ވަނީ 144 ވޯޓެވެ. އަދި އެމްޑީޕީ އައްޑޫ ސިޓީ ރައީސް އަހުމަދު އަދްހަމަށް ލިބިފައި ވަނީ 15 ވޯޓެވެ.
އެ ދާއިރާ އިން ވާދަ ކުރި އައިޝަތު ރަޝީދާ (އާސްތް) އަށް 60 ވޯޓު ލިބުނު އިރު އެމްޑީޕީގެ ފޭދޫ އިސް އެކްޓިވިސް މުހައްމަދު ސައީދު (މުއްލާ) އަށް ލިބިފައި ވަނީ 44 ވޯޓެވެ. އަބްދުﷲ ޝަރީފަށް 24 ވޯޓު ލިބުނު އިރު އަކްރަމަށް ލިބިފައި ވަނީ 8 ވޯޓެވެ. އަދި މުރުތަޟާ އަށް ލިބިފައި ވަނީ 5 ވޯޓެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ޕްރައިމަރީގެ ތެރެއިން މަރަދޫ ދާއިރާގެ ޕްރައިމަރީ އިބްރާހިމް ޝަރީފް (މަވޯޓާ) ކާމިޔާބްކޮށްފައި ވަނީ ކުރީގެ ޕޮލިސް ސްޕްރިޑެންޓެންޓް މުހައްމަދު ޖިނާހު (ޖިނާ) އާ ވާދަކޮށް 15 ވޯޓުގެ ތަފާތުންނެވެ.
ޝަރީފަށް ލިބިފައި ވަނީ 335 ވޯޓެވެ. ޖިނާ ވަނީ 320 ވޯޓު ހޯދައިފަ އެވެ. އަބްދުއް ސަލާހް ހަސަން އަށް 170 ވޯޓު ލިބުނު އިރު މުހައްމަދު ރިއާޒަށް ލިބިފައި ވަނީ 102 ވޯޓެވެ.
ސަތާރަ ވައުދަކާއިގެން ޕްރައިމަރީ އަށް ނިކުތް މަޝްހޫރު ހަންބައްދާ ހަސަން (އެޗްބީއެޗް) އަށް ލިބިފައި ވަނީ އެންމެ އަށް ވޯޓެވެ.
ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީ ޓިކެޓް ބޮޑު ތަފާތަކުން އަލީ ނިޒާރު (އެމްޓޭޝަންގެ ނިޒާރު) ކާމިޔާބްކޮށްފައި ވަނީ 408 ވޯޓުންނެވެ.
ނިޒާރު އާ ވާދަ ކުރި އަހުމަދު ހަބީބް(ހަބީ) އަށް ލިބިފައި ވަނީ 141 ވޯޓެވެ. އެންޖީއޯ ފެޑެރޭޝަންގެ ރައީސް އަހުމަދު ނިޒާމަށް ލިބިފައި ވަނީ 116 ވޯޓެވެ. ހާފިޒް ޒަކީއަށް ލިބުނީ 8 ވޯޓެވެ.
ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީ ކުރީގެ ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ ކާމިޔާބް ކުރީ ހިތަދޫ އަވަށު ބޯޑުގެ ރައީސް އިބްރާހިމް ޝިނާޒު މޫސާ އާ ވާދަކޮށް 412 ވޯޓުންނެވެ. ޝިނާޒަށް ލިބުނީ 289 ވޯޓެވެ.
އިއްޔެގެ ޕްރައިމަރީ އަށް ފަހު ބައެއް ދާއިރާތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ދީފައިވާ އިރު ވޯޓާސް ލިސްޓްގެ މައްސަލައާއި ހެދި ފޭދޫ ދާއިރާގެ ވޯޓުލުން ފަށާފައި ވަނީ ކަނޑައެޅި ވަގުތަށް ވުރެ ދެ ގަޑި އިރު ފަހުންނެވެ.
ހިތަދޫ މެދު ދާއިރާގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ލިސްޓުގައި މައްސަލަ ހުރެ އެކަން ހައްލުކޮށްގެންނެވެ.
އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓުގައި ޕީޕީއެމްގެ ބައެއް މެމްބަރުންގެ ނަން ހުރިކަން ވެސް ވަނީ ފާހަގަވެފަ އެވެ.
އެމްޑީޕީގެ ޕްރައިމެރީ އިއްޔެ ނިމިގެން ދިއުމާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓުން މިހާރު މި ވަނީ ކަށަވަރުވެފަ އެވެ.
އިއްޔެ އައްޑޫ ދާއިރާގެ ޓިކެޓް ކާމިޔާބް ކުރި ކެންޑިޑޭޓުންނާ އެކު މީދޫ ދާއިރާ އަަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރަނީ ރޮޒައިނާ އާދަމެވެ. އަދި ހިތަދޫ އުތުރު ދާއިރާ އަށް ވާދަ ކުރާނީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމެވެ.