Last Updated: May 11, 14:27
Saturday, May 11, 2024
ޚަބަރު

ރައީސްގެ މަގާމާ ވަގުތީ ގޮތުން ނައިބު ރައީސް ހަވާލުވެއްޖެ

ފައިސަލް ނަސީމް ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް މަގާމުގެ ހުވާ ކުރައްވަނީ

ވަގުތީ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ދެންމެ ކުރައްވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތާއި ބާރުތައް ފައިސަލް ނަސީމްއާ ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޑޮކްޓަރުގެ ލަފާފުޅުގެ މަތިން ތައިރޮއިޑް ސާޖަރީއެއް ހެއްދެވުމަށް މިއަދު ނިންމަވާފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލަށް މަގާމުގެ ހުވާ ލައްވައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ރައީސްގެ މައްސޫލިއްޔަތާ ހަވާލުވެވަޑައިގަތުމުގެ ގޮތުން މަގާމުގެ ހުވާ ފައިސަލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގަ އެވެ.

ތައިރޮއިޑް ފަރުވާ އަކަށް ރައީސް ސޯލިހު ސާރޖަރީއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ މައްސޫލިއްޔަތާ ބާރުތައް ނައިބު ރައީސާ ވަގުތީ ގޮތުން ހަވާލު ކުރެއްވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ(ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިއީ ރާއްޖޭގައި ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހުވާކުރައްވައިގެން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ(ހ)ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއިވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ.

ރައީސް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާފުޅުގެ މަތިން ތައިރޮއިޑް ސާޖަރީއެއް ހެއްދުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ސާޖަރީގެ ކަންކަން ހިނގަމުންދާ ވަގުތު މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމު އަދާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން މަޖިލީހުގެ ރައީސްއާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ލަސްނުވެ މަސައްކަތަށް އެނބުރި އައުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ޞާލިޙް، އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީގޮތުން ޢުޛުރުވެރިވެޑައިގަންނަވާ ޙާލަތެއް މެދުވެރިވެފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލު ކުރައްވާފައިވާ ރައީސްކަމުގެ ހުވާ ފައިސަލް ކުރައްވާފައިވާކަން ރައީސް އޮފީހުންވެސް ވަނީ ހާމަ ކުރައްވާފަ އެެވެ.