Last Updated: May 11, 10:12
Saturday, May 11, 2024
ޚަބަރު

ތިން ގަޑިއިރާއި 30 މިނެޓް ފަހުން ރައީސް މަގާމުގެ މަސްއޫލިއްޔަތައް!

ރައީސް ސޯލިހު ނައިބުރައީސް ފައިސަލް - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމިއްލަފުޅު ސާރޖަރީއެެއް ކުރެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތުތަކާ ވާޖިބުތައް ނައިބު ރައީސް ފައިސަލް ނަސީމް ހަވާލުކުރެއްވިތާ ތިން ގަޑިއިރާ ތިރީސް މިނެޓަށްފަހު އަލުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހް ހަވާލުވެވަޑައިގެންފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތާއި ބާރުތައް ނައިބުރައީސް ފައިސަލް ނަސީމްއާ ހަވާލުކުރެއްވީ ރައީސް ސޯލިހް ޑޮކްޓަރުގެ ލަފާފުޅުގެ މަތިން ތައިރޮއިޑް ސާޖަރީއެއް ހެއްދެވުމަށް މިއަދު ހެނދުނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލަށް މަގާމުގެ ހުވާ ލައްވައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ރައީސްގެ މައްސޫލިއްޔަތާ ހަވާލުވެވަޑައިގަތުމުގެ ގޮތުން މަގާމުގެ ހުވާ ފައިސަލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގަ އެވެ.

އެއަށްފަހު ރައީސް ސޯލިހް ހެނދުނު ކުރެއްވި ސާރޖަރީ ނިންމުނުކަމާއެކު އެމަނިކުފާނުވަނީ އެ ސަރޖަރީ ނިމުނުކަމާއި ހާލުކޮޅު ރަނގަޅުކަން ޓުވީޓަރމެދުވެރިކޮށް ހާމަކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެކަން ހިނގާދިޔަ ގޮތް ބަޔާން ކުރައްވައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަދު 06:00 ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއާ ޙަވާލުކުރައްވާފައިވާ ޙަވާލުކުރެއްވުން ނިމުމަކަށްގެންނަވައި، މިއަދު 09:30 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އަލުން ޙަވާލުވެވަޑައިގެން އެކަން ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމަނިކުފާނަށް އަންގަވާފައިވާ ކަަމަށެވެ.

ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަންޖެހިވަޑައިގަތުމުގެ ސަބަބުން، ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރެއްވުމަށް ހަވާލު ކުރެއްވީ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން އަދާނުކުރެއްވޭފަ ޢުޛުރެއް ރައީސް ޞާލިޙްއަށް މެދުވެރިވެވަޑައިގަތުމާ ގުޅިގެންނެވެ.

ތައިރޮއިޑް ފަރުވާ އަކަށް ރައީސް ސޯލިހު ސާރޖަރީއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ މައްސޫލިއްޔަތާ ބާރުތައް ނައިބު ރައީސާ ވަގުތީ ގޮތުން ހަވާލު ކުރެއްވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ(ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިއީ ރާއްޖޭގައި ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހުވާކުރައްވައިގެން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ(ހ)ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއިވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ.