ރާއްޖޭގެ ބެޑް ކެޕޭސިޓި އަށް މި އަހަރު ރިސޯޓްތަކުން 3،000 އެނދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ، އެނދުތައް އޮޕަރޭޝަނަށް ނެރުމުގެ ތާވަލަށް ލަސްވުމެއް އައީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ހުޅުވަން ތާވަލުކޮށްފައި ހުރި ރިސޯޓްތައް ނުހުޅުވި ލަސްވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަހަރު އިތުރު 3،000 އެނދު އޮޕަރޭޝަނަށް އަންނާނެކަމަށް ވިދާޅުވި އެވެ.
"މި އަހަރު އަޅުގަނޑުމެން މި ބަލަނީ ތިންހާސް އެނދު ވަރު، އަލަށް ރިސޯޓް ސެކްޓާއިން [އެކަނި] އަންނާނެކަމަށް. އެކަމަކު އެނދުތައް އައުމުގެ ތާވަލު މިއޮތީ ކުޑަކޮށް ފަހަތައް ޖެހިލާފައި،" މައުސޫމް ވިދާޅުވި އެވެ. "ދެހާސްވިހީގައި ހުޅުވޭނެ ކަމަށް ބެލި ރިސޯޓްތައް ނުހުޅުވި ލަސްވެގެން އައިސް ދެހާސް އެކާވީހަށް ވެއްޓި އޭގެ ފަހުން ދެހާސް ބާވީހާ ހަމައަށް މި އާދެވުނީ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓްތަކުގެ އިތުރަށް ރަށްރަށުގައި ހަދާ ގެސްޓްހައުސްތަކާއި، ހޯމްސްޓޭ އާއި ސަފާރީތަކާއި ޓޫރިސްޓް ހޮޓާތައް ހިމެނޭހެން އެވްރެޖްކޮށް ކުރިއަށްއޮތް އަހަރުތަކުގައި 8، 000 އެނދުވަރު ރާއްޖޭގައި ކޮންމެ އަހަރަކު މާކެޓަށް ނެރެވޭނެ އެވެ.
އެފަދަ ފެސިލިޓީތަކާ އެކު މިވަގުތުވެސް އޮޕަރޭޝަންގައި 925 ތަނެއް އެބަހުއްޓެވެ. އަދި މިތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 54،154 ކަމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުތި ތަފާސްހިސާބުތަކުން ދައްކަ އެވެ.