Last Updated: May 12, 09:51
Sunday, May 12, 2024
ޚަބަރު

"ޕާޓީގެ ހިންގުން އޮތީ ސައިޒަކު ނޫން، ލަދުވެތިވާން ޖެހޭ"

ފާއިތުވި ތިން އަހަރު އެމްޑީޕީ ހިންގީ ރަނގަޅަށްނޫން ކަމަށާއި ޕާޓީ ހިންގާލަން ޖެހޭކަމަށް ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަށް ވާދަކުރައްވާ އިކްނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން ލޯންޗްކުރުމަށް މިރޭ ށ.މިލަންދޫގައި ބާއްވާ ޖަލްސާގައި ފައްޔާޒު އެމްޑީޕީއަށް ނިސްބަތްކުރައްވާ ވިދާޅުވީ "މި އޮޑީގެ ސްޕީޑް ދަށްވެއްޖެ، މި އޮޑި މަރާމާތުކުރަން ޖެހިއްޖެ، މި އޮޑީގެ ރިޔާ ސާފުކޮށްލަން ޖެހިއްޖެ" ކަމަށެވެ. އޭނާ ވަނީ ނުސީދާ ގޮތުން އެމްޑީޕީ ފާއިތުވި ތިން އަހަރު ތެރޭގައި ހިންގިގޮތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފައްޔާޒު ވިދާޅުވީ އިދިކޮޅުގައި އޮތްއިރު ޕާޓީ ރަނގަޅަށް ހިނގި ކަމަށާއި ވެރިކަން ލިބިގެން ފާއިތުވި ތިން އަހަރު ތެރޭގައި ޕާޓީގެ ހަރަކާތްތައް މަދު ކަމަށެވެ.

"ޕާޓީގެ ހިންގުން އޮތީ މި ޕާޓީގެ ސައިޒަކު ނޫން، ޕާޓީގެ މެމްބަރުންނަށް ހައްގުވާން ޖެހޭ މިންވަރެއްގައެއް ނޫން، މަސައްކަތް އޮތީ ހަގީގަތުގައި ލަދުވެތިވާން ޖެހޭ ހިސާބުގައި" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ އޭނާއަށް ނިސްބަތްކޮށް ބޯގަންވިލާ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށް ބުނާ ވާހަކައަަށް ވެސް ނުސީދާ ރައްދެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ވަކި ގެއަކަށް ނިސްބަތްވެގެން މި ޕާޓީގައި ނޫޅެވެންވީ ސަބަބެއް ނެތް ކަމަށެވެ. ފައްޔާޒު ވަނީ ޒުވާނުންނާއި އަންހެނުންނަށް ވެސް ޕާޓީ ތެރޭގައި ފުރުސަތު އޮންނަން ޖެހޭ ކަމަށް ފާހަގަކޮށް އެކަން ރަނގަޅުކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"ސުވާލަކީ އަންހެނުން ޕާޓީއަށްކުރި މަސައްކަތް ބަލައިގަނެވިއްޖެ ތޯ އަދި ޒުވާނުންގެ އަޑު އިވެގެން ދަނީ ކިހާވަރަކަަށްތޯ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އަނިޔާވެރިކަން އަލުން އިއާދަވެދާނެ ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ އެ ވިސްނުން ނެތް ކަމަށެވެ. ކުރިމަތީ ނަގަމުންދާ ކަޅުވިލާތަކާމެދު ޕާޓީގެ ވިސްނުން ގެއްލިފައިވާކަމަށާއި އެހެން ނަމަވެސް ޕާޓީގެ އަސާސްތައް ނަގަހައްޓަން މަސައްކަތް ނުކުރެވިއްޖެ ނަމަ އަނިޔާވެރިކަމަށް އަލުން ދާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ކެމްޕެއިން ކުރާނީ ވަރަށް ރީތިކޮށް، ކަމަށާއި އެހެން ޕާޓީތެރޭގައި ހިންގާހެން ހުތުރުކޮށް ނުހިންގާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ނިންމާލާއިރު ރިޔާސީ އިންތިހާބަށް އެމްޑީޕީ އޮންނާނީ ފައްކާވެފައި ކަމަށާއި ޗެއާޕާސަންކަން ލިބިއްޖެ ނަމަ ހުއްޓުމެއް ނެތި އެ މަސައްކަތް ހުއްޓުމެއ ނެތި ކުރާނެ ކަމަށެވެ.

" ޕާޓީ ހިންގާލަން އެބަ ޖެހޭ، 2023 ވަނަ އަހަރު އަންނަންވާއިރަށް ފިސާރި ރަނގަޅަށް ޕާޓީ ހިންގާލަން އެބަ ޖެހޭ،
ސުޕަމެޖޯރިޓީ އޮވެ، ޕާޓީގެ އެއްވެސް ކަމެެއް ފާއިތުވި ތިން އަހަރު ނުހިނގާ އޮތީ،" ފައްޔާޒު ވިދާޅުވި އެވެ.

ލީޑަރޝިޕްގެ ބޭފުޅުންނާއި ޕާޓީގެ އިސް ބޭފުޅުން މަޖިލީހާއި ސަރުކާރުގެ ތެރޭގައި ތިބި ނަމަވެސް ޕާޓީ ތެރޭގައި ހަރަކާތްތައް މަދުވެފައިވަނީ އެ ވިސްނުމުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން އެކަން ނުކުރެއްވުމުން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އޭނާއަށް ޗެއާޕަސަންކަން ލިބިއްޖެ ނަމަ ޖަގަހަތައް ފިސާރި ރަނގަޅަށް ހިންގާލާނަން" ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ފާއިތުވި ތިން އަހަރު ތެރޭގައި ރަށްރަށުގެ ގޮފިތައް ބޭނުން ކޮށްފަ ނުވާއިރު ޒުވާނުންނާއި އަންހެނުންގެ އަޑު ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނުމަށް ޕާޓީގެ ލީޑަރޝިޕުން ބޭނުންކޮށްފައިނުވާ ކަމަށްވެސް ފައްޔާޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ފަހަތައް ޖެހޭކަށްނޫން، އައުޓްވާކަށްވެސް ނޫން،"