"މި ފަހަރު ކިހާ ދުވަހަކަށް މިކަން ކުރެވޭނެ ބާ؟"
މިދިޔަ ބުރާސްފަތި ދުވަހު މަންޓާ އެއާގެ ދަތުރުތައް އައްޑު އަށް ފެށުމާ އެކު މިހާރު ގިނަ ބަޔަކު އުފައްދާ ބޮޑު ސުވާލަކީ މިއީ އެވެ. އިތުރު ޑޮމެސްޓިކް އެއާލައިނަކުން ގަމަށް ދަތުރު ފެށުމަކީ މަރުހަބާ ކިޔަން ޖެހޭނެ ކަމެކެވެ. މީގެ ފައިދާ އޮތީ ހަމަ ރައްޔިތުންނަށެވެ. ހާއްސަކޮށް ޕްރައިވެޓް އެއާލައިނަކުން ދޭ މިފަދަ ހިދުމަތެއް ހިތުގެ އަޑިން ބަލައިގަންނަން ވެސް ޖެހޭނެ އެވެ.
މިހާތަނަށް ހުއްޓުމެއް ނެތި ގަމަށް ދަތުރުތައް ބާއްވަމުން އަންނަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުން އެކަންޏެވެ. އެހެންވެ އެއީ ހަގީގަތުގައި މޮނޮޕޮލީ އަށް ހުޅުވިފައި އޮތް ދޮރެކެވެ. ގަމަށް އުދުހެނީ އެންމެ އެއާލައިނަކުން ކަމަށްވާ ނަމަ އެތަނުން ހެދިހާ ގޮތެއް ހެދިގެން ރައްޔިތުން ޖެހޭނީ ހިދުމަތް ހޯދުމުގައި ދެމިތިބޭށެވެ. އެހެންވެ އިތުރު އެއާލައިނަކުން ދަތުރު ފެށުން މުހިއްމުވެފައި ރައްޔިތުންނަށް ފައިދާއަކަށް ވަނީ ވާދަވެރިކަން އުފެދި ހިދުމަތުގެ ފެންވަރާއި އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަން މަގުފަހިވާނެތީ އެވެ.

މީގެ ތިން އަހަރު ކުރިން ހިދުމަތަށް ނުކުތް މަންޓާ އެއާ ރާއްޖޭގެ އެންމެ ދެކުނަށް އުދުން ފެށުމަކީ އެތެރޭގެ އުދުހުންޔަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. އައްޑޫ ރައްޔިތުން ތިބީ މަންޓާ އިން ހިދުމަތް ފެށުމުން ހިތްހަމަޖެހިފަ އެވެ. އެކަމަކު އުފެދޭ އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެއްކަލަ ބޮޑު ސުވާލު ސިކުނޑި ތެރޭގައި އެނބުރުމެވެ؛ ކިހާ ދުވަހަކަށް މަންޓާ އަށް މިކަން ކުރެވިދާނެ ބާ އެވެ؟
މި ސުވާލު އުފެދުން ހަގީގަތުގައި ވެސް ޖާއިޒެވެ. ސަބަބަކީ މީގެ ކުރިން ހިތްދަތި އެތައް ތަޖުރިބާއެއް ސީދާ ގަން އެއާޕޯޓާއި އައްޑޫ ރައްޔިތުން ވެސްކޮށްފައިވުމެވެ. މި ފަހުގެ ތާރީހަށް ބަލާ އިރު ވިލާ އެއާގެ ފްލައި މީ އަކީ އައްޑު އަށް ވަރަށް "ދަޅަ" ދެއްކި އެއާލައިނެކެވެ. އެ އެއާލައިނުން ހިދުމަތް ދޭން ފެށުމުން ވެސް ވައިގެދަތުރުގެ އަގުތަކާއި ފެންވަރަށް ވެސް ހެޔޮ ބަދަލުތަކެއް އައެ އެވެ. އެކަމަކު ލިބުނު ދެރަ އަކީ މާ ގިނަ ދުވަސްތަކެއް ނުވެ ފްލައިމީގެ ދަތުރުތައް އައްޑު އަށް ހުއްޓައިލުމެވެ.

ވިލާ އެއާ އިން ގަމަށް 2013 ގައި ދަތުރުތައް ފެށުމަށް ފަހު އެކަން ހުއްޓައިލީ 2016 ހިސާބުގަ އެވެ. އެ އެއާލައިނުން ގަމަށް ދަތުރުތައް ފެށީ 2013 ގެ ރިޔާސީ އިންތިހާބު ވެސް ބޯމަތިވެފައި އޮތް ދަނޑިވަޅެއްގައިކަމުން އޭރު ވެސް އެއީ ސިޔާސީ މަންފާއަކަށް ކުރާ ކަމެއް ކަމަށް ބުނެ ވާހަކަތަކެއް ދެކެވުނެވެ. ފްލައިމީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެއާލައިނަކަށްވާތީ އެގޮތަށް އިނގިލި ދިއްކުރެވުމަކީ މައްސަލައެއް ވެސް ނޫނެވެ. މައްސަލައަކަށްވީ "ސީޔާސީ ގޮތުން ހޯދަން އުޅުނު މަންފާ ނުލިބުމުން" ފްލައިމީގެ ގަމުގެ ދަތުރުތަކުގެ ދުވެލި މަޑުވެ ހުއްޓެމުން ހުއްޓެމުން ގޮސް އެއްކޮށް ހުއްޓުމެވެ.
އެ އެއާލައިންގެ ކުރިން ވެސް ރާއްޖޭގައި ކުރިން އެތެރޭގެ އުދުހުމުގެ ހިދުމަތް ދިން އެހެން ބައެއް އެއާލައިންތަކުން ވެސް ގަމަށް ދަތުރުތަކެއް ބޭއްވި އެވެ. އޭގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އާއި އެއާ އީކްއޭޓަ ފަދަ އެއާލައިންތައް ފާހަގަކޮށްލެވެ އެވެ.
އަހަރުތަކެއް ފަހުން ގަމަށް އަނެއްކާ ވެސް ޑޮމެސްޓިކް އިތުރު އެއާލައިނަކުން އުދުހެން ފެށުމަކީ އައްޑޫ މީހުން ވަރަށް ބޭނުންވެގެން އުޅުނު ކަމެކެވެ. އެހެންވެ މަންޓާ އެއާ އެކު ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް އުންމީދުކުރާ މީހުން ބައިވަރެވެ. ސީދާ އެ އާލައިނުން ވެސް މިކަން ފެށީ މި ތަނަކީ "ޕޮޓެންޝަލް" އޮތް ތަނަކަށްވާތީ އެވެ.
މަންޓާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވި ގޮތުގައި އެ އެއާލައިނުން ގަމަށް ދަތުރުތައް ފެށި ގިނަ ބައެއްގެ އެދުމުގެ ވެސް މަތިންނެވެ. އަނެއްކޮޅުން މި ކަމަކީ ސީދާ އެ އެއާލައިނުން ވެސް ކުރަން ބޭނުންވެފައި އޮތް ކަމަކަށްވުމުން، ދަތުރުތައް ހުއްޓައިލަން ޖެހިދާނެ ފަދަ ހާލަތެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މި ތަނަކީ ޕޮޓެންޝަލް އޮތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލުރަނީ. އެހެންވެ ދަތުރުތައް ފެށީ ވަރަށްް ބޮޑު ހޯޕަކާ އެކު،" އޭނާ ވިދާޅުވި އެވެ. "ހަމަ ކަމެއް ފަށާ އުސޫލަކުން ނޫން އަޅުގަނޑުން މިކަން [ގަމަށް ދަތުރުތައް] ފެށީ." ހަލީލު ވިދާޅުވި އެވެ.
މި ވަގުތަށް އޮތީ އޭނަގެ އެ ވާހަކަ އަށް އިތުބާރުކޮށްފައި ވާ ގޮތެއް ބަލަން އިންތިޒާކުރުމެވެ. ޔަގީނުން ވެސް މަންޓާގެ ދަތުރުތައް ހުއްޓާލުމަކީ އައްޑޫގެ އެއްވެސް ބަޔަކު ބޭނުން ވާނެ ކަމެއް ނޫނެވެ. އެހެންވެ މިކަން ދާއިމީކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ ތަން ފެނުމަކީ ރައްޔިތުންގެ ޖީބަށް ވެސް ލުއިވާނެ އެވެ. މިއީ އަދި ފެށުމެކެވެ. މަންޓާ އަށް މިކަން ކިހާ ދުވަހެއް ވަންދެން ހިފަހައްޓާލެވިދާނެތޯ ބަލަން ކިތަންމެ ބަޔަކު ތިބޭނެ އެވެ.

ހަލީލު ވިދާޅުވި ގޮތުގައި މިފަދަ ބޮޑު ކަމެއް ކުރާ އިރު އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެ އެވެ. އެހެންވެ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުން ކަހަލަ ބޮޑު ކަމަކަށް ވަކިން ހާއްސަކޮށް، އަމިއްލަ ބަޔަކު ކުރާ ކަމަކަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުން ވާނެ އެވެ.
"އަޅުގަނޑު މި ދަންނަވަނީ ފައިނޭންޝަލީ އެހީ ބޭނުންވާ ވާހަކައެއް ނޫން. ދަތުރުތައް ކުރިއަށް ގެންދަން ބޭނުންވާ އެހެނިހެން އެހީ އާއި އެއްބާރުލުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލިބެން ވާހަކަ. މީގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލާއި ކަމާ ގުޅުން ހުރި އެހެން ސްޓޭކް ހޯލްޑަރުންގެ އެހީ އާއި އެއްބާރުލުން ވެސް ބޭނުން ވާނެ،" ހަލީލު ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރެވޭ ކަމަށް ވަންޏާ ކާމިޔާބުކަމާ އެކު މިފަދަ ކަންކަން ނުހުއްޓި ކުރިއަށް ގެންދެވޭނެ."

މަންޓާ އިން ގަމަށް ދަތުރު ފެށުމާ އެކު ހުޅުވޭ މުހިއްމު އެއް ދޮރަކީ ގަމާއި ހުވަދޫ ގުޅައިލެވޭ ގޮތްވުމެވެ. މިކަން ކުރަނީ ގަމަށް މިހާރު ޝެޑިއުލް ދަތުރުކުރާ ސްރީ ލަންކަން އެއާލައިންސުން ދަތުރުކުރާ މީހުންނަށް ކަނެކްޓިވިޓީ ދޭ ގޮތަށެވެ. މީގެ ސަބަބުން ހުވަދު އަތޮޅުގެ ޓޫރިސްޓް ފެސިލިޓީތަކަށް އަންނަ ޓޫރިސްޓުންނާއި ހުވަދޫން ލަންކާ މަގުން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވެސް އެ ދޮރު ހުޅުވިގެން ދާނެ އެވެ.
މިފަދަ ކަމެއް މަންޓާ ކަހަލަ އަމިއްލަ އެއާލައިނަކާ އެކު ފަހިވެގެން މިދިޔައީ މިކަން ކޮށްދޭތޯ ގައުމީ އެއާލައިން މޯލްޑިވިއަން ގާތު ސްރީ ލަންކަން އެއާލައިންސުން ވެސް "އާދޭސްކޮށް ވަރުބަލީ އިރު ވެސް" އެކަން ނުކޮށްދީ އޮއްވަ އެވެ. އެހެންވެ މަންޓާގެ ފެށުން މިފަދަ ގޮތަކަށް އައުމާ އެކީ އެ އެއާލައިނާ ދޭތެރޭ "ޕޮޒިޓިވްކޮށް" ދެކެން ޖެހޭ ކަމެކެވެ.
"ގަމަށް ދަތުރުކުރި އެހެން އެއާލައިންތަކަށްވީހެން މަންޓާ އަށް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު." މަންޓާ ވެސް ހުއްޓީދާނެތީ ސުވާލު އުފައްދާ މީހުން އެ ސުވާލާ ވިއްދައިގެން ދެން ބުނާ ވާހަކަ އަކީ މިއެވެ.