ހޯމް މިނިސްޓަރު މިހާރު ހުންނެވީ ސިހުރު ފަންޑިތަ އަވާގައި ޖެހިފައި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު ފާޑުވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި މިހާރު އަމަންއަމާން ކަމެއް ނެތް މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.
"ދިވެހި ރައްޔިތުންގެ މުދަލާއި ގެދޮރާ ޒާތީ ދިރިއުޅުމަށް ބޮޑެތި ކުށްވެރިން އަރައިގަނެ ރޯމާ ދުވާލު ވައްކަން އާންމުވެގެންދާ އިރު މިނިސްޓަރު އިމްރާން ސިހުރު ފަންޑިތައިގެ އަވާގައި،" މަލީހު ވިދާޅުވި އެވެ. "ސަލާމަތާއި ރައްކަލަށް އެމްޑީޕީގެ ވެރިކަން ނިމެންދެން ރައްޔިތުންނަށް ހަތިޔާރު ލިބޭ ގޮތް ހެދުން [ވެސް] ލަސްވެއްޖެ."
ފަހަކަށް އައިސް މިނިސްޓަރު އިމްރާނަށް އިދިކޮޅު ފަރާތްތަކުންނާއި ސީދާ އޭނާގެ ޕާޓީ، އަދާލަތުގެ ތެރެއިން ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން އަދާލަތު ޕާޓީގެ އުސޫލުތައް "މުގުރާލައި" މިހާރު އިމްރާން ހުންނެވީ ސީދާ އެމްޑީީޕީގެ ސިޔާސަތުތަކުގެ މަތީގައި ކަމަށް ތުހުމަތުކުރެ އެވެ. މި ސަބަބާ ހުރެ އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން އެ ޕާޓީން ވަކިވެވަޑައިގެންފައިފައިވެ އެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އިމްރާނަކީ މިހާރު ހަމައެކަނި މަގާމަށްޓަކައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ އަކީ ކުރިން އެމްޑީޕީ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެކެކެވެ. އެކަމަކު ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތް ފަހުން އިމްރާން މުޅިން ބަދަލުވެއްޖެ ކަމަށް ބުނާ މީހުން ވަރަށް ގިނަ އެވެ.