ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކު ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވުމުން ދިވެހި ސަރުކާރުން އެމީހުންނާ ހަވާލުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރޭ ރާއްޖެގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް 15 ދިވެހި ދަރިވަރުން ހަންގޭރީއަށް އެތެރެވެފައިވާ ކަމަށާއި، އެމީހުންނާ ދިވެހި ސަރުކާރުގެ ޓީމުން ހަވާލުވެފައިވާކަމަށެވެ. އަދި އެ 15 ދިވެހިން ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެކަމަށް ބުނެފައިވެއެވެ.
ޔޫކްރެއިންގެ ހަރްކީވްގައި ބާކީ ތިބި 8 ދިވެހިނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން ބެލަރޫސްގެ ގްރާޑްނޯ މެޑިކަލް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުން ތިބީ ހަނގުރާމަކުރާ ސަރަހައްދާ 1500 ކިލޯ މީޓަރު ދުރުގައިކަމަށާއި އެކުދިންގެ ކަންކަންވެސް ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ބެލަރޫސްގައި ގާތްގަނޑަކަށް 140 ދިވެިހން އެބަ ތިއްބެއެވެ.
ރަޝިޔާގެ ކާސްކްގައިވެސް ދިވެހިން ތިބިއިރު މިއީ ހަނގުރާމަ ހިނގަމުންއަންނަ ޔޫކްރެއިންގެ ބޯޑަރާ އެންމެ ގާތުގައި އޮތް ސަރަހައްދެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެކުދިންގެ ހާލުވެސް ބަލަމުން އަންނަކަމަށާއި އަދި އެކުދިންގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް އެ ކުދިން މައުލޫމާތު ދީފައިވާކަމަށެވެ.