Last Updated: June 14, 09:25
Sunday, June 14, 2026
ޚަބަރު

ޗައިނާ ގޮވާލީ މަޝްވަރާކޮށްގެން ހައްލު ހޯދަން

ރަޝީޔާގެ ރައިސް ލަޑިމިއަރ ޕުޓިން, ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ރަޝިޔާ އާއި ޔޫކްރެއިންގެ ނުތަނަވަސްކަން މަޝްވަރާކޮށްގެން ހައްލުކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފި އެވެ.

ޗައިނާގެ މީޑިއާތަކުން ބުނެފައިވަނީ، ރަޝީޔާގެ ރައިސް ލަޑިމިއަރ ޕުޓިންއަށް ހުކުރު ދުވަހު ފޯނުން ގުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރަޝިޔާއާއި ޔޫކްރެއިންގެ ނުތަނަވަސްކަން މަޝްވަރާކޮށްގެން ހައްލުކުރުމަށް ގޮވާލައްވާފައިވާކަމަށެވެ. އަދި ޤައުމުތަކުގެ ސިޔާދަތާއި އިސްތިޤްލާލަށް އިހްތިރާމްކުރުމަށާއި، އދގެ ޗާޓަރުގެ މަޤްސަދުތަކާއި އުސޫލުތައް ދެމެހެއްޓުމަށް ބެއިޖިން އިން އަބަދުވެސް ތާއީދު ކުރާނެކަމަށް ޗައިނާގެ ރައީސް ވިދާޅުވެފައިވާކަމަށެވެ.

ޗައިނާގެ މީޑިއާތަކުން ބުނެފައިވާގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ފޯނުން ގުޅުއްވާ ރަޝިޔާގެ ރައީސްއާ ދެއްކެވި ވާހަކަތަކުގައި، ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ވިސްނުން އެއްކޮށް ދޫކޮށްލަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

ދެރައީސުންގެ މެދުގައި ކުރިއަށްދިޔަ މިވާހަކަތަކުގައި މަތީފަންތީގެ މަޝްވަރާތަކަށް ރަޝީޔާއިން ތައްޔާރަށް އޮތްކަމަށް ރަޝިޔާގެ ރައިސް ވިދާޅުވި ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރާ ހަމަލާތައް ދޭންފަށާފައިވާއިރު، ޔުކްރޭންގެ ވެރިރަށް ކީވް އަށް އަރައިގަތުމަށް ރަޝިޔާއިން ވަނީ ތައްޔާރުވެފައެވެ.

ރަޝިއާ އިން ޔުކްރޭންގެ އެކި ސަރަހައްދުތައް ހިފުމަށް ވައިގެ މަގުންނާއި އެއްގަމުން މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ މައިގަނޑު އަމާޒު އޮތީ ވެރިރަށް ކީވް ހިފުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.