Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

އިންތި ފުވައްމުލަކުގައި "ދޮރުން ދޮރަށް"

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ކެމްޕޭނަށް ފުވައްމުލަކުސިޓީގައި ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިފިއެވެ.

އިމްތިޔާޒް ކެމްޕޭން ޓީމާއެކު ފުވައްމުލަކަށް އިއްޔަ ވަޑައިގެންފައިވާއިރު، އެރަށުގެ ކެމްޕޭން ޓީމްތަކާ ރޭ ބައްދަލުކުރައްވާފައިވެއެވެ.

މިއަދު އިމްތިޔާޒް ފުވައްމުލަކުސިޓީގެ ގެތަކަށް ދޮރުން ދޮރަށް ވަޑައިގަންނަވާއިރު، އެރަށުގައި އަންނަނީ އިންތިގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްވެސް ކުރިއަށްގެންދަމުންނެވެ.

އެމްޑީޕީ ޗެއާޕާސަންގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު އިންތިއާ މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ފައްޔާޒް ރޭގައި ވަނީ ށ. މިލަންދޫގައި ކެމްޕޭން ޖަލްސާއެއްވެސް ބާއްވާފައެވެ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ.