Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމުން އުފާ ފާގަތިކަން ގެނެސްދޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ފުލުހުން

ރާއްޖެ ދަތުރުކުރަމުން ދަނީ ލާމަރުކަޒީ ނިޒާމުން އުފާ ފާގަތިކަން ގެނެސްދޭނެ މަންޒިލަކަށް ކަމަށް އެލްޖީއޭ ބޯޑްގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ލާމަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމަކީ ސަރުކާރުން އިސްކަންދޭ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ފެށުމަށް 11 އަހަރު ފުރި، 12 ވަނަ އަހަރާ ކުރިމަތިލާއިރު، އެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ފާއިތުވި އަހަރުތަކުގައި ގެނެވިފައިވާކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

އެގޮތުން އަންހެނުންނަށް ވަކި އިންސައްތައެއް ކައުންސިލްތަކުން ހާއްސަކުރުމަށް ޤާނޫނު އިސްލާހު ކުރެވުނުކަން ފާހަގަކޮށް އިމްރާން ވިދާޅުވީ، ފާއިތުވި ދައުރުގައި ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރެވިފައިވަނީ 39 އަންހެން ބޭފުޅުން ކަމުގައި ވިޔަސް، ޤާނޫނަށް ގެނެވުނު ބަދަލާއެކު، ކައުންސިލްތަކުގެ ހިނގަމުންދާ މި ދައުރުގައި، ރަށު އަދި ސިޓީ ކައުންސިލްތަކަށް 388 އަންހެން ބޭފުޅުން އިންތިހާބު ކުރެވިފައިވާކަމަށެވެ.

އިމްރާން ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކަށާއި ފޯރުކޮށްދޭ ހިދުމަތްތަކަށް ޤާނޫނުން ގެނެވުނު ބަދަލުތަކާ ގުޅިގެން، ކައުންސިތަކުގެ ޕަރފޯމަންސް މިންކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ނިޒާމު މުރާޖައާކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

"ހަމައެހެންމެ، ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމަކީވެސް، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުންދާ އެއްމެ މުޙިއްމު އެއް މަސައްކަތް. އަދި ކައުންސިލްތަކުގެ ޚިދުމަތް ފަސޭހައިން ލިއްބައިދިނުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަގޮތުގައި ހިންގޭނީ ކައުންސިލްތަކާއި ރައްޔިތުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާތައް، ޤާނޫނުގައި ބުނެފައިވާ ބީދައިން އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށްޓަކައި އެ ހުރިހާ ފަރާތެއްގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ކައުންސިލްތަކުގެ ބިންތައް ތަޞައްރަފުކުރުމުގެ ކުރިން ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ބިނާވެށި ޕްލޭންތައް އެއްވެސް ވަރަކަށް ތައްޔާރުކުރެވިފައިނުވާ 43 ރަށެއްގެ ބިނާވެށި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް، އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މާލީ އެހީތެރިކަމާއެކު ކުރެވެމުން އަންނަކަމަށެވެ.

"ރާއްޖެ ދަތުރުކުރަމުން މިދަނީ ލާމަރުކަޒީ ނިޒާމުން އުފާ ފާގަތިކަން ގެނެސްދޭނެ މަންޒިލަކަށް. ޖަޒީރާވަންތަ ސިފަތަކާއިއެކު ރަށާއި އަތޮޅުތައް ތަރައްޤީ ވެގެންދާނެ މިސްރާބަކަށް. އަޅުގަނޑުގެ އުއްމީދަކީ ލާމަރުކަޒީ ނިޒާމުގެ ލާބަޔާ މަންފާ އެންމެ ހެޔޮގޮތުގައި ލޮބުވެތި ރައްޔިތުންނަށް ލިބިގެން ދިއުން. އެކަން ހާސިލްކުރުމަށްޓަކައި ޤައުމީ އިދާރާތަކުންނާއި ކައުންސިލްތަކުން ފުރިހަމައަށް މަސައްކަތްކޮށްދިނުން."

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަސް އެލްޖީއޭގެ ފަރާތުން ފާހަގަ ކުރަމުންދަނީ ލާމަރުކަޒީ ދުވަހުގެ ގޮތުގައެވެ.