Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ސްޓެލްކޯގެ އެމްޑީއަކަށް ޝަރީފް އައްޔަންކުރަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ އެހެން ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަނު ކުރުމަށް ނިންމައިފިއެވެ.

"އައްޑޫލައިވް"އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މުގުނީ އެހެން ކުންފުންޏަކަށް ބަދަލުކުރުމަށް ނިންމާ އަދި ޝަރީފް ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަނުކުރުމަށް ނިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ސިޓީއެއް ފޮނުވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް ސްޓެލްކޯގެ އެމްޑީގެ މަގާމާ މާދަމާ ހަވާލުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޝަރީފް އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ. އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝަރީފް އަންނަނީ ސަރުކާރަށް އަދި ރައިސް ސޯލިހަށް ތާއީދުކޮށް ކޮށްފައި ހުންނަ ޓްވީޓްތައް ރިޓްވީޓް ކުރައްވަމުންނެވެ.

2018ގެ ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމް ޕިއެންސީގެ އެންމެބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ފަރާތަކީ ޝަރީފެވެ. އަދި މިފަހުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޝަރީފަށް ފާޑުވިދާޅުވެ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައެވެ.

މިހާރު ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި މުގުނީ އަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.