Last Updated: July 21, 18:02
Tuesday, July 21, 2026
ރިޕޯޓް

އަބަދު އެނދު އިތުރުކުރާ ވާހަކަ؛ ނަތީޖާއެއް ނުފެނޭ

އައްޑޫގެ ޓޫރިޒަމް ފުޅާކޮށް، ތަރައްގީކުރަން އެނދު އިތުރުކުރާ ވާހަކަ އަކީ އަބަދު ވެސް ކޮންމެ ސަރުކާރަކުން ވެސް ދައްކާ ވާހަކައެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށިގެން އައީ ވެސް އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު، އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރުމުގެ ވައުދާ އެކީގަ އެވެ.

އެކަމަކު ދައުރު ނިމެން ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހަށްވީ އިރު، އެ އެނދުތައް ކޮބައި ހެއްޔެވެ؟ ބަދަލުގައި ކޮވިޑްގެ ބޮޑު ބަލިމަޑުކަމާ ވެސް ވިދިގެން ފެނިގެން ދިޔައީ އައްޑޫގެ ޓޫރިޒަމަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު ތަނެވެ. ހުރި ބެޑް ކެޕޭސިޓީ ވެސް ވެއްޓުނު ތަނެވެ.

އެންމެ ފުރަތަމަ ހުޅުވި ދެ ރިސޯޓްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ ޝަންގްރިވިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެ އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. އެއީ އެތައް އެނދެއް އުނިވުމެވެ. ރިސޯޓް ބަންދުކުރިތާ މިހާރު ތިން އަހަރު ވަނީ އެވެ. ހުޅުވޭނެ އިރެއް، ހުޅުވިދާނެކަމުގެ އުންމީދެއް ވެސް އަދިއެއް ނެތެވެ.

ކޮވިޑާ ހެދި ބަންދުކުރި އަނެއް ރިސޯޓް ކަމަށްވާ ކެނަރީފް މިދިޔަ މަހު އޮތީ ހުޅުވައިފަ އެވެ. މި ވަގުތު އައްޑޫގައި އޮޕަރޭޓްކުރަނީ އެ ރިސޯޓްގެ އިތުރުން ސައުތު ޕާމެވެ. އައްޑޫގެ ޓޫރިސްޓް ފެސިލިޓީތަކަށް ބަލާ އިރު ގަމުގެ އީކްއޭޓަ ވިލެޖްގެ އިތުރުން އަވަށްތަކުގައި ހިންގާ ގެސްޓް ހައުސްތައް ހިމެނެ އެވެ.

އައްޑޫގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަތަކު ލޯކަލް ޓޫރިޒަމް ފުޅާކުރަން އަވަށްތަކުން ވަނީ ޓޫރިސްޓް ފަސް ޒޯނެއް ކަނޑައަޅައިފަ އެވެ. އަދި އެތަންތަނުން 93 ބިމެއް ދޫކުރަން ނިންމާފައި އިރު ގާތްގަނޑަކަށް 50 ބިން މިހާރު ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. ކައުންސިލުން ބުނާ ގޮތުން ބާކީ ހުރި ބިންތަކަށް މި ހަފުތާގެ ތެރޭގައި އިއުލާންކުރާނެ އެވެ.

ޓޫރިޒަމް ޒޯންތަކެއް ކަނޑައަޅައިގެން މަސައްކަތްތަކެއް ފަށައި ބަޔަކާ ބިންތަކެއް ހަވާލުކުރިޔަސް މިހާތަނަށް އެއިން އެތަނެއްގައި ތަރައގީކުރި ތަނެއް ހިދުމަތަކަށް ނެރެވިފައެއް ނެތެވެ. ދުވެލި ވަރަށް ލަހެވެ. ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ ޓޫރިޒަމް ޒޯންތަކުގައި ކުރެވޭ މަސައްކަތްތަޖުގެ ފުރަތަމަ މަރުހަލާގެ ތެރޭގައި 4،140 އެނދު ތަރައްގީކުރުމެވެ.

މިދިޔަ ބުރާސްފަތި ދުވަހު މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި ޒޯންތަކުން ދޫކުރި ބިންތަކަށް ބަލާ އިރު މިހާތަނަށް އަމަލީ މަސައްކަތް ފެށިފައި ވަނީ ހިތަދޫން ދޫކުރި ބިމެއްގައ އެކަންޏެވެ. އަދި ވަރަޑް އަވަހަށް ފޭދޫން ދޫކުރި ބިމެއްގައި މަސައްކަތް ފަށާނެ އެވެ. ދެން ބާކީ ހުރި އެހެން ތަންތަނަށް ބަލާ އިރު، އެ ބިންތައް ލިބުނު މީހުން އެ މީހުންގެ ފެސިލިޓީތައް ހަދާނެ ގޮތް ކުރަހަނީ އެވެ. އަދި މިކަމަށް ބޭނުންވާ ފަންޑް ހޯދަން މަސައްކަތްކުރަނީ އެވެ.

ނިޒާރު ވިދާޅުވާ ގޮތުން ޓޫރިޒަމް ޒޯންތަކުން ބިންތަކެއް ދޫކުރިޔަސް، ޓާގެޓަށް ވާސިލުވާން ކުރާ މަސައްކަތް އޮތީ "ސުމެއް" ގަ އެވެ. އެހެންވެ ކައުންސިލުން މިހާރު ގެންގުޅޭ އެއް ވިސްނުމަކީ ސީދާ ކައުންސިލުން ޓޫރިޒަމް ޒޯންތަކުގައި ފެސިލިޓީތަކެއް ގާއިމުކޮށް، އެތަންތަން އައުޓްސޯސްކޮށްގެން މެނޭޖްކުރުމެވެ. މިކަމުގެ މަޝްވަރާތަކާއި ކަމާ ގުޅޭ އެހެން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މިކަމުގެ ތެރެއަށް ސީދާ ކައުންސިލުން ނިންމީ "މި ވަގުތު އެއްވެސް ކަމެއް ނުކޮށް ތިބުމުގެ ބަދަލުގައި ޓޫރިޒަމްް ޒޯންތަކުގެ މަސައްކަތްތައް އަވަސްކުރު" މެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ވިސްނުން ހުރީ ގާތްގަނޑަކަށް 50-1،000 ދެމެދުގެ ރޫމްތަކެއް ހިދުމަތަށް ނެރުމެވެ.

"އައްޑޫ ސިޓީ ކައުންސިލުން މިހާރު އެބަ ވިސްނަން ޒޯންތަކުން ހަވާލުނުކޮށް ހުރި ބިންތަކުގެ ތެރެއިން ބިންތަކެއްގައި ކޮންމެވެސް ގޮތަކަށް ޓޫރިޒަމް ފެސިލިޓީތަކެއް ތަރައގްީކުރަން. ބޭނުމަކީ އަވަހަށް ތަރައްގީކުރެވޭނެ ވިސްނުމަކަށް ދިއުން. އެ ވިސްނުމުގެ ތެރޭގައި އެބަ ހިމެނޭ ކައުންސިލުން ފަންޑު ހޯދައިގެން ފެސިލިޓީތަކެއް ތަރައްގީކޮށްފައި ކޮންމެވެސް ބަޔަކާ އެތަންތަން މެނޭޖްކުރަން ހަވާލުކުރުން." މޭޔަރު ވިދާޅުވި އެވެ.

އައްޑޫ މޭޔަރު ނިޒާރު. ފޮޓޯ/ އައްޑޫ ލައިވް

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަކީ އައްޑޫގައި އަވަސްކުރަން ޖެހޭ ކަމަކަށްވުމާ އެކު މިކަން މަޑުކޮށްލައިގެން ބަލަން ތިބެވޭކަށް މިހާރަކު ނެތެވެ.

"އެހެންވީމަ [ކަމެއް ނުކޮށް] ބަލަން ތިބުމުގެ ބަދަލުގައި މަސައްކަތްތަކެއް ފަށަން ބޭނުން ވަނީ. [މިހާރު] ކޮންމެވެސް ވަރެއްގެ އިޝާރާތްތަކެއް ލިބިފައި އެބައިން ކައުންސިލުން މަސައްކަތްކޮށްފި ނަމަ މިކަމަށް ފަންޑް ވެސް ފަސޭހަ އިން ލިބިދާނެ ކަމަށް. އެހެންވެ ޒޯންތަކުގައި ތަރައްގީކުރެވޭ ތަންތަނުގައި އަޅުގަނޑުމެން އެބަ ބަލަން މަދުވެގެން ފަސް ސަތޭކަ ނޫނީ ހާހެއްހާ ކޮޓަރި ތަރައްގީކުރެވޭނެ ތަފާތު ވިސްނުމަކަށް ދާން [ވެސް]." ނިޒާރު ވިދާޅުވި އެވެ.

ސުވާލަކީ ބާކީ މިއޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ނަތީޖާއެއް ފެންނާނެ ހެއްޔެވެ؟ އެތަންތަނުން މާކެޓަށް އެނދުތަނެއް ނެރެވިދާނެ ހެއްޔެވެ؟ އައްޑޫގެ ޓޫރިޒަމަށް ބެޑް ކެޕެސިޓީ އިތުރުކުރުން ވަރަށް މުހިއްމެވެ.

ގަން އެއާޕޯޓްގެ އޮޕަރޭޝަންތައް، ވަކިން ހާއްސަކޮށް އިންޓަނޭޝަނަލް އޮޕަރޭޝަންތައް ފުޅާކުރެވެން އޮތީ ވެސް މިކަމުގެ ތެރެއިންނެވެ. ބޭރުގެ އެއާލައިންތަކުން ގަމަށް އުދުހެން ޝައުގުވެރި ވާނީ ދަތުރުކުރާ މީހުންނަށް ހިދުމަތްތަކެއް ދެވޭނެ ވަސީލަތްތަކެއް ހުރެގެންނެވެ. ޓޫރިސްޓިން އައްޑު އަށް ޒިޔާރަތްކުރަން ޝައުވެރިވާނެ ކަންކަމާއި އެ މީހުންނަށް ހިދުމަތް ދޭނެ ތަންތަން އިތުރުކުރެވިގެންނެވެ.

އެހެންވެ ބޭރުން ފެންނަ ބޯޑްގައި އިންޓަނޭޝަނަލް އަޅުވައިގެން ތިއްބަަސް ގަން އެއާޕޯޓްގެ ހަގީގީ ބޭނުމެއް ނުހިފޭނެ އެވެ. މި ވަގުތު އެތަނަށް ދަތުރުކުރާ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސަށް ވެސް އޮތް ގޮންޖެހުމަކީ މިއެވެ. އައްޑޫގައި އެކަށީގެންވާ ވަރަށް އެނދުތަކެއް ނެތެވެ. އެހެންވެ އެ އެއާލައިނަށް މި ވަގުތު ދަތުރުތައް ހުއްޓާނުލައި ކޮޅެއްގައި ޖެއްސެން އޮތް އެއް ގޮތަކީ ހުވަދު އާއި ގަމާއި ގުޅާލުމެވެ.

އެހެންވެ މިދިޔަ ބުރާސްފަތި ދުވަހު ގަމަށް އަލަށް ދަތުރު ފެށި ޑޮމެސްޓިކް އެއާލައިން، މަންޓާ އެއާ އެކު އެ އިންތިޒާމު މިހާރު އޮތީ ހަމަޖެހިފަ އެވެ.

އައްޑު އަށް މުހިއްމު ވަނީ ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ މިތަނުގައި ކޮޅަށް ޖެހޭނެ ގޮތެކެވެ. ހަމައެކަނި އެނދުތަކެއް އިތުރުކުރާ ވާހަކަ ދެއްކުމަކުން ވާނެ ފައިދާއެއް ނެތެވެ. މޭޔަަރު ވިދާޅުވި ގޮތަށް މިއީ އަވަސްކުރަން ޖެހިފައި އޮތް ކަމެކެވެ. މިއީ މުޅި އައްޑޫގެ އިގުތިސާދާ ގުޅިފައި އޮތް ކަމެކެވެ. ޒޯންތަކުން ބިން ލިބުނު މީހުންނަށް ދިމާވެފައި ހުރި ދަތިތައް ހޯދައި އެ މީހުންނަށް އެތަންތަން ތަރައްގީކުރެވޭނެ ގޮތްތަކެއް ހޯދައި ދިނުމަކީ ވެސް މުހިއްމު ކަމެކެވެ.