Last Updated: June 23, 06:08
Tuesday, June 23, 2026
ކުޅިވަރު

ސްޓްރީޓް ސޮކާ 2022: ހަބޭސްގެ ފެށުން ހަބޭސް

ރޭ ގަމުގައި ފެށި މި އަހަރުގެ "އައްޑޫ ސްޓްރީޓް ސޮކާ" ކަޕްގެ ފުރަތަމަ މެޗުގައި ފޭދޫ ހަބޭސް އެފްސީ އާއި ޖީބީއާރް އެފްސީ ބައްދަލުކުރި މެޗް ހަބޭސް އިން ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފި އެވެ.

ގަމުގެ ޒުވާނުންގެ މަރުކަޒާ ދިމާލުން އޮންނަ ޓެނިސްޓް ކޯޓްގައި ރޭ ކުޅުނު މެޗް އެ ޓީމް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.

ޖުމްލަަ 16 ޓީމާ އެކު ހަތަރު ގްރޫޕަށް ބަހާލައިގެން ރޭގަނޑު ކުރިއަށް ގެންދާ މުބާރާތް އަންނަ މަހުގެ 14 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ސްޓްރީޓް ސޮކާ ކަޕް 2011 ގައި ބާއްވަން ފެށި ފަހުން މިހާތަނަށް މެއިން ސްޕޮންސަރަކާ ނުލައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތުގައި އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށަކުން ޓީމްތައް ވާދަކުރެ އެވެ. މި ފަހަރު ވާދަކުރާ ޓީމްތަކަކީ އެފްސީ ހަބޭސް، ޖީބީއާރް އެފްސީ، ފެނަކަ، ހިތަދޫ ޕޮލިސް، ޖަންޓާ ގަރާޖު، ޔަންގް މެޖެންޓާ، އޯއެސްއާރް، މަރަދޫ ޔުނައިޓެޑް، ޑީސީ ސްޕޯޓްސް، އެފްސީ އަފިރިން، އާކް، ކަޅަ ބެންޗާ، އެލީޓް ސްޕޯޓްސް އެކެޑެމީ، އެސްއެމްޓީ، އެފްސީ ޒެފިއާ އަދި ޔަންގް ވަންސް އެވެ.

ސްޓްރީޓް ސޮކާ ކަޕަކީ ފޭދޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި މިރޭ ތިން މެޗެއް ކުޅޭނެ އެވެ. އެގޮތުން 8:30 ގައި ފަށާ މެޗްގައި ބައްދަލުކުރާނީ ޖަންޓާ ގަރާޖާއި ޔަންގް މެޖެންޓާ އެވެ. މިރޭގެ ދެވަނަ މެޗް 9:15 ގައި ފަށާ އިރު އެ މެޗަށް ނުކުންނާނީ ޑީސީ ސްޕޯޓްސް އާއި އެފްސީ އަފިރިން އެވެ. މިރޭގެ ތިން ވަނަ މެޗްގައި 10:00 ބައްދަލުކުރާނީ އެލީޓް ސްޕޯޓްސް އެކެޑެމީ އާއި އެސްއެމްޓީ އެވެ.