Last Updated: July 12, 17:10
Sunday, July 12, 2026
ދުނިޔެ

ސްޓާލިންކްގެ އިންޓަނެޓް ޔުކްރޭނަށް ދީފި

ރަޝިއާއާ ހެދި މިހާރު ހަނގުރާމައެއްގެ ތެރޭގައި އޮތް ޔުކްރޭނަށް ސްޕޭސް އެކްސްގެ އިންޓަނެޓް، ސްޓާލިންކްގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.

މި ވާހަކަ ޓްވީޓްކުރައްވައި ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވީ "ސްޓާލިންކް މިހާރު ޔުކްރޭނުގައި އެކްޓިވޭޓްކޮށްފައިވާ" ކަމަށާއި "ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަ" ކަމަށެވެ.

ސްޓާލިންކްގެ ހިދުމަތް ޔުކްރޭނަށް ދީފައި މި ވަނީ އެ ފުރުސަތު ފަހިކޮށްދޭން އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ މިކާއީލޯ ފެޑެރޯވް ހިދުމަތަށް އެދިވަޑައިގެން އީލޮން ޓެގްކުރައްވައި އިއްޔެ ޓްވީޓެއް ވެސް ކުރައްވާފައި ވަނިކޮށެވެ. އޭގައި އޭނާ ވިދާޅުވީ އީލޮން މާސް ހިސޯރުކުރައްވަން މަސައްކަތްކުރައްވާ އިރު، ރަޝިއާ މިހާރު އޮތީ ޔުކްރޭންގެ ހިސޯރުކުރުުގެ މަސައްކަތުގެ ތެރޭގައި ކަމަޑެވެ.

"އީލޮންގެ ރޮކެޓްތައް ޖައްވަށް އުދުއްސައިލާ އިރު، ރަޝިއާ އިން މިހާރު ރޮކެޓް އުދުއްސަނީ އަހަރެމެންގެ ރަައްޔިތުންނާ ދެކޮޅަށް. އެެހެންވިމަ [ދިފާއަށްޓަކައި] އަހަރެމެންނަށް ސްޓާލިންކްގެ ހިދުމަތް ލިބޭނެ ގޮތް ހަދައި ދިނުން އެދެން." ފެޑެރޯވް ވިދާޅުވި އެވެ.

އޭނާގެ ޓްވީޓްގައިް ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހިންގާ ޖަރީމާއާ ބެހޭ ގޮތުން އީލޮން ވާހަަކަ ދައްކަވަން ވެސް އެދިވަޑައިެގންފައިވެ އެވެ.

އީލޮންސްގެ ސްޕޭސް އެކްސްގެ ސްޓާލިންކް އިންޓަނެޓް ވިއުގަކީ ޖައްވީ ސެޓެލައިޓް ފައުޖަކާ އެކު ބިނާކުރަމުން އަންނަ ވިއުގައެކެވެ. މީގެ ހިދުމަތް އެންމެ ފުރަތަމަ ލިބެން ފެށީ 2020 ގަ އެވެ. މިއީ ހަލުވި އަދި އަގުހެޔޮ އިންޓަނެޓް ހިދުމަތެއް މުޅި ދުނިޔެ އަށް ފޯރުކޮށްދޭން ސްޕޭސް އެކްސް އިން ބިނާކުރާ ވިއުގައެކެވެ.