ދަތުރުކުރުމުގެ ރައްކާތެރިކަން ލިބޭހާ އަވަހަށް ޔޫކްރެއިންގައި މިހާރު ތިބި ދިވެހިން ހަންގޭރީއަށް ގެންދެވޭނެ ކަމަށާއި، ހަންގޭރީއަށް އެ ދިވެހިން ގެންދެވެމުން ހަންގޭރީ މަގުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރެއިންގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ވިދާޅުވީ، ހަންގޭރީގެ ބޯޑަރު ހުރަސް ކުރި 15 ދަރިވަރުން މިއަދު ރާއްޖެއައުމަށް ދަތުރު ފަށާނެ ކަމަށެވެ.
ޔޫކްރެއިންގައި މިހާރު ތިބި 12 ދިވެހިން ރައްކާތެރިކަމާއެކު ބޯޑަރާ ހިސާބަށް ގެންދިއުމުގެ މަސައްކަތް ކުރެވޭކަމަށާއި އެހެންނަމަވެސް އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް ހަމަލާތައް މިވަނީ ތަންކޮޅެއް އިންޓެންސިފައި ވެފަ. މިހާރު ތިބިކުދިން ތިބީ ހަންގޭރީ ބޯޑަރާ ވަރަށް ދުރުގަ. ގާތްގަނޑަކަށް 15 ވަނަކަށް ގަޑިއިރުގެ ދަތުރެއް ކުރަންޖެހޭ. އަދި މިވަގުތު ހާލަތު އޮތްގޮތުން ޓްރެފިކާ އެހެން ކަންކަމާ ގުޅިގެން މިއަށްވުރެއްވެސް ވަގުތު އިތުރުވެދާނެ ކަމަށް ލަފާކުރެވޭ." ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ވިދާޅުވިއެވެ.

ހުމައިދު ވިދާޅުވީ ޔޫކްރެއިންގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އޮނަރަރީ ކޮންސުލްވެސް މައުލޫމާތު އަރުވަނީ މިވަގުތު އެފަދަ ދިގު ދަތުރެއް ކުރުން ރައްކާތެރި ނޫންކަމަށެވެ. އަދި ދަތުރުކުރުމަށް ފަސޭހަވީހާ އަވަހަކަށް އެކުދިންނަށް ހަންގޭރީއަށް އެތެރެވެ، ރާއްޖެ އާދެވޭނެ އިންތިޒާމުތައް މިހާރުވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
މިހާރުގެ ހާލަތާ ގުޅިގެން ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތުވެސް ފޮރިން މިނިސްޓްރީއާއި ޖަރުމަނުގައި ހުންނަ އެމްބަސީން ގާތުން ބަލަމުން އަންނަކަން ހުމައިދު ފާހަގަކުރެއްވިއެވެ. އެގޮތުން ބެލަރޫސް އަދި ރަޝީޔާގައި ދިވެހި އެތައް ދަރިވަރުން ތިބި ކަމަށާއި، އެކުދިންގެ މައުލޫމާތު އެއްކުރަމުން ދާކަމަށް ވިދާޅުވިއެވެ. މިހާތަނަށް ރަޝިޔާގަ 88 ދަރިވަރަކު ތިބި ކަމަށް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި ބެލަރުސްގައި 137 ދަރިވަރަކު ތިބި ކަމަށް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ހުމައިދު ވިދާޅުވިއެވެ. މިދަރިވަރުން ތިބި ސަރަަހައްދުތަކުގައި މިވަގުތު ނުރައްކާތެރިކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިހާރު ތިބި ދިވެހިން ހަންގޭރީއަށް ގެންދެވުމުން ހަންގޭރީ މަގުން ރާއްޖެއަށް ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ނިއުޔޯކްގައި ހަންގޭރީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން މިކަމުގައި އެއްބާރުލުންލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށެވެ.