ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
"ޕަވަ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022"ގެ ނަމުގައި މެނޭޖަރުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މި ޕރޮގްރާމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.
މި ޕްރޮގްރާމަކީ ސްޓެލްކޯގެ ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހަސަން މުގުނީ ވިދާޅުވީ ސްޓެލްކޯއާ އާންމުންނާ ދޭތެރޭގައި މިވަގުތު ރަނގަޅު ގުޅުމެއް އެބައޮތްކަމަށާއި، ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިދެވޭކަމަށެވެ.
މުގުނީ ވިދާޅުވީ މީގެކުރިން ސްޓެލްކޯގެ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދެވި އެކަމުގެ ޝަކުވާ އޮތް ކަމަށާއި، އެެހެންނަމަވެސް ކުންފުންޏާ ހަވާލުވިފަހުން މިހާތަނަށް ކުންފުނީގެ 70 އިންސައްތަ މުވައްޒަފުންނަށް ޕްރޮމޯޝަން ދެވިފައިވާކަމަށެވެ. އަދި ކުންފުނިން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ވެސް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަން މުގުނީ ފާހަގަކުރެއްވިއެވެ.