Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ލަންކާ އަށް ދާން ޕީސީއާރް ޓެސްޓެއް ބޭނުމެއް ނުވާނެ

ސްްރީ ލަންކަން އެއާލައިންސްގެ ބޯޓެއް ގަން އެއާޕޯޓްގައި. ފޮޓޯ. ޖީއައިއޭ

އެހެން ގައުމުތަކުން ސްރީ ލަންކާ އަށް ދަތުރުކުރާ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވާ ނަމަ ޕީސީއާރް ޓެސްޓެއް ހަދަން ނުޖެހޭ ގޮތަށް ނިންމައިފި އެވެ.

އެގޮތުން އަންނަ މަހުގެ 1 އިން ފެށިގެން ލަންކާ އަށް އެހެން ގައުމުތަކުން ދަތުރުކުރާ މީހުން މިހާރު ހަދަން ޖެހޭ ޕީސީއާރް ނުވަތަ ރެޕިޑް އެންޓިޖެން ޓެސްޓް ބޭނުމެއް ނުވާނެ ކަމަށް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސްއެލް) އިން ނިންމައި އެކަން އިއުލާންކުރީ މިއަދެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ގައުމީ އެއާލައިން، ސްރީ ލަންކަން އެއާލައިންސުން ވެސް އެ އެއާލައިންގައި ދަތުރުކުރާ މީހުންގެ ސަމާލު ކަމަށް އެކަން ގެނެސްފައިވެ އެވެ. ލަންކާ އަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން އެކި ބޭނުންތަކަށް ދަތުރުކުރާ އެއް ގައުމެވެ.

ސްރީ ލަންކަން އެއާލައިންސަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ އެއާލައިނެކެވެ.

މި މަހުގެ ކުރީކޮޅު ސީއޭއޭއެސްއެލް އިން ވަނީ ޓޫރިސްޓް ވިސާގައި ލަންކާ އަށް ދާ ނަމަ ހެލްތު އިންޝުއަރެންސް ހަދަން ޖެހޭ ގޮތަށް ވެސް ނިންމައިފި އެވެެ. އެގޮތަށް ނިންމީ ކޮވިޑާ ހެދި އަލަށް އަޅާ ފިޔަވަޅުތަކާ ހެދި އެވެ. އެހެންވެ ޓޫރިސްޓް ވިސާގައި ކުރާ ދަތުރުތަކަށް ހަމަޖެއްސި އިންޝުއަރެންސް ޕޮލިސީ އަކީ 12 ޑޮލަރު (185ރ.) ދައްކަން ޖެހޭ އެއް މަހުގެ އެއްޗެކެވެ.

އެ ނެގުމުން 50،000 ޑޮލަރާ ހަމައަށް ހަރަދުތައް ކަވަރުވެ އެވެ.