ގޮތް ނޭނގޭ ކެމިކަލް ފީފާއެއް ހިތަދޫއަށް ލައްގައި އޭގެ ވަސްޖެހި ބައެއް މީހުން ބޯ އަނބުރައި އެސަރަހައްދުން ދަތުރު ކުރަން އުނދަގޫ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ކެމިކަލް ފީފާ ލައްގާފައި ވަނީ ހިތަދޫގައި ހުންނަ އައްޑޫ ހައިސްކޫލާ ދިމާލު ލިންކް ރޯޑު ސަރަހައްދަށެވެ.
ރޭ އިރާކޮޅުން ފެށިގެން އެ ސަރަހައްދުން ފާޑެއްގެ ނުބައި ވަހެއް ވަނީ ޖައްވަށް ފެތުރިފަ އެވެ. އަދި އެވަސް ދެނެގަނެވިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ކެމިކަލް ފީފާ ފެނުނު މީހާ "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ބުނީ ފާޑެއްގެ ވަހެއް މުޅި ހިސާބަށް ފެތުރިފައިވާތީ އެ ވަސް ދުވާ ތަނެއް ބަލަން ދުއްވަމުން ދަނިކޮށް ފާޑެއްގެ "ތެޔޮ" ފީފާއެއް އެ ސަރަހައްދު މޫދުން ފެނުމުން ޕޮލިހަށް ގުޅައި އެމައުލޫމާތު ދިން ކަމަށެވެ.
ނަމަވެސް އެ ކަމަށް ފުލުހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައެއް ނުވެ އެވެ.

އެ މީހާ އިތުރަށް ބުނީ މި ވާހަކަ ކަމާއި ބެހޭ އެކި ފަރާތްތަކަށް ގުޅައި ރިޕޯޓް ކުރަމުން ދަނިކޮށް ފަޔަ އެންޑް ރެސްކިއު ވެހިކަލެއް އެ ސަރަހައްދަށް ގޮސް އެމްއެންޑީއެފް ސަދަން އޭރިއާއަށް ހެނދުނު 8:00 ޖަހަން އުޅެނިކޮށް ރިޕޯޓް ކުރި ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފްއަށް އެފީފާ ނަގައިގެން ގެންދެވިފައި ވަނީ މެންދުރު 2:00 ޖެހި ފަހުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނު(އެމްއާރުޑީސީ) ގެ އެހީގަ އެވެ.
އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފީފާ ނަގަން ދިޔަ ބައެއް މީހުން އެވަސް ޖެހި ހޮޑުލާފައިވާ ކަމަށެވެ. އަދި ފީފާ ނަގައިގެން ދިޔަ ފަހުން އަދިވެސް އެ ސަރަހައްދުގައި އެ ވަސް އެބަހުރި ކަމަށެވެ.
ހިތަދު އަށް ލައްގާފައިވާ ފީފާގައި ހުރި އެއްޗެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ.

