ޕެނަލްޓީގައި 10-11 އިން ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލް އިން ހޯދައިފި އެވެ.
މިއީ ލިވަޕޫލް އިން އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރި 9 ވަނަ ފަހަރެވެ. ލިވަޕޫލް އަކީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ޓީމުވެސް މެ އެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މި މެޗުގައި ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ.
އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ޒުވާން ގޯލްކީޕަރު ކޮއިމްހިން ކެލަހާ ދިފާއުކުރިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މޭސަން މައުންޓަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. މި ހާފުގައި ލިވަޕޫލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސަޑިއޯ މާނޭ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާވެސް ދިފާއުކުރީ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އެވެ.
މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ވެސް މައުންޓް އަށް ވަނީ ޗެލްސީ އަށް ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބިފަ އެވެ. އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މި ހާފުގައި ލިވަޕޫލްގެ ސަލާހު ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ދިފާއުކުރިއިރު ވެންޑައިކް އާއި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ކީޕަރު މެންޑީ އެވެ.
90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. ނަމަވެސް އެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ދެން ދިޔައީ ޕެނަލްޓީ އަށެވެ.
ޕެނަލްޓީގައި ލިވަޕޫލުން ޖެހި 11 ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު ޗެލްސީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އެޓީމުގެ ބަދަލު ކީޕަރު ކެޕާ ޖެހި ޕެނަލްޓީ އަށެވެ. ކެޕާ މި މެޗުގައި ކުޅެން އެރުވީ ސީދާ ޕެނަލްޓީ އަށެވެ. އެގޮތުން ކެޕާ ފޮނުވާލި ޕެެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.