އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މެމްބަރުން އައްޔަނު ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޭސީސީއަށް މެމްބަރުން އައްޔަނު ކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތައް ފޮނުވާފައިވަނީ، އޭސީސީގެ މެމްބަރުން އައްޔަނު ކުރަންޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅާދިޔަފަހުންނެވެ.
އޭސީސީއަށް ކުރިމަތިލާފައިވާ މެމްބަރުންގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް މަޖިލީހަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ، އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި، އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ، ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި، ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު އަދި ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރުއެވެ.
މީގެއިތުރުން އެ މަގާމަށް ކުރިމަތިލެއްވި އިތުރު މެމްބަރުންގެ ނަންތައްވެސް ސިޓީއާއެކު މަޖިލީހަށް ފޮނުވާފައިވެއެވެ.
އޭސީސީގެ މެމްބަރުންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
އޭސީސީގެ މެމްބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ މެދުަގއި އަބަދުވެސް ކަންބޮޑުވުން އޮތެވެ. އެގޮތުން އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުން ލަސްވާ މައްސަލައިގައި އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.