ރަށްތަކުގައި ކުރިއަށްގެންދާ ދަނޑުތަކުގެ މަޝްރޫއުތައް ލަސްވަނީ ޔޫތް މިނިސްޓްރީގެ މައްސަލައަކުން ނޫންކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ރަށްރަށުގެ ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތަކުގެ މައްސަލައިގައި މިނިސްޓަރު މަހުލޫފާ ސުވާލުކޮށްފައެވެ.
އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ދަނޑުތަކުގެ މަސައްކަތް ލަސްވަނީ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށްގެން ނޫންކަމަށެވެ.
"ހަމަ ހަގީގަތުގައިވެސް ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަވެގެންގޮސް މަސައްކަތްތައް ނުނިންމެނީ" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
މީގެއިތުރުންވެސް މިނިސްޓަރު މަހުލޫފް ވިދާޅުވީ އިނގިރޭސިވިލާތުގައި ކޮންމެ 111،000 މީހަކަށް ދަނޑެއް އޮންނަކަމަށެވެ. އަދި ރާއްޖޭގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ފަށާފައިވާ 30 ދަނޑު ނިމުމުން ކޮންމެ 11،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށާއި އަދި މިހާރު ހުރި ދަނޑުތަކުގެ މަސައްކަތް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް އޮންނާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.