Last Updated: June 14, 09:25
Sunday, June 14, 2026
ޚަބަރު

އެމްޑީޕީއަށް ވެރިކަން ލިބުނީ "ޚާއިނުންނާ" އެއްކޮށް: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--

އެމްޑީޕީއަށް ވެރިކަން ލިބުނީ "ޚާއިނުން"ގެ ބައިގަނޑަކާ އެއްކޮށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކަންކަން ހިނގާފައިވަނީ އެއްވެސް މިޒާނެއް ނެތިކަމަށެވެ. 

ރާއްޖޭގެ ކަންކަން ހަމަމަގަށް އެޅުވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޑިމޮކްރަސީއަލުން ގެނައުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެގޮތުން އެތައް ބަޔަކު ޖަލަށްވެސް ދިޔަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެގޮތަށް ކުރެވުނު މަސައްކަތުން އެމްޑީޕީއަށް އަލުން ވެރިކަން ލިބުނު އިރު، ވެރިކަން ލިބުނީ "ޚާއިނުންނާ" އެއްކޮށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"[ވެރިކަން] ލިބުނުއިރުވެސް ޚާއިނުންނާ އެއްކޮށް، ބައިގަނޑު އެއްކޮށް މިއައީ. ޚާއިނުން ލައިގެން ޑިމޮކްރަސީއެއް ހިންގޭނެ މާމޮޅު ގޮތެއް ނެތް." ޖާބިރު ވިދާޅުވިއެވެ.

ލަފާކުރެވޭ ގޮތުގައި ޖާބިރު "ޚާއިނުން" އެ އިޝާރާތް ކުރައްވަނީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށްތިބި ފަރާތްތަކާ އެކު މިއަދު ސަރުކާރު ކޯލިޝަން ހަދާފައި އޮތުމުން އެފަރާތްތަކަށެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ ފަނޑިޔާރުގެ އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން އަވަހަށް ކުރަންޖެހޭ ކަމަށާއި، އެގޮތުން މަދުވާ ފަނޑިޔާރުން ބަލާ ފަނޑިޔާރުން އެތަންތަނަށްލާ ފަނޑިޔާރުގެ ތަހުޒީބު ކުރަންޖެހޭ ކަމަށެވެ.