Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

"އެމްޑީޕީގެ ބައެއް މެމްބަރުން ހަކުރުގަނޑެއް ފަހާ މެހި ދުވާހެން ދުވަނީ"

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އެއްކޮޅުން ހުރި އިމްތިޔާޒް ފަހުމީއަކީ ސާފު ކެނޑިޑޭޓެއް ކަމަށާއި، އަނެއްކޮޅުން "ހަކުރުގަނޑެއް ފަހާ މެހިތަކެއް" ދުވާހެއް ބަޔަކު ދުވަނީ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަމަލުކުރަމުން އަންނަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މިހާރު އޮތީ ދެގޮތް ފެންނަން ކަމަށާއި، އެއްކޮޅުގައި ހުރި އިމްތިޔާޒް ފަހުމީ އަކީ ސާފު ކެނޑިޑޭޓެއް ކަމަށެވެ.

"ދެން އަނެއްކޮޅުން ހަކުރުގަނޑެއް ފަހާދުވަނީ މެހިތަކެއް ދުވާހެން."

ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދުގެ ފޮޓޯ ޖަހައިގެން އިންތިހާބު ކާމިޔާބުކޮށް މަޖިލީހަށް ހޮވުމަށްފަހު އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު އުޅެނީ "ހަކުރުގަނޑު ވަށައިގެން" ކަމަށެވެ.

"މިއީ އަޅުގަނޑު ލަދުގަންނަ ކަމެއް. ހަކުރުގަނޑެއް ވަށައިގެން ދުވާނީއޭ ކުނަމެހި ދުވާހެން، މެހިދުވާހެން ދުވަނީއޭ މިހުރިހާ މެމްބަރުން. މެއްސަށް ވެއްޖެ މިހާރު."

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުންނެއް އެފަދަ މަޖިލިސް މެމްބަރުން ބޭނުމެއް ނުވާކަމަށާއި އެކަމާ އެމްޑީޕީ އާންމު މެމްބަރުން ލަދުގަންނަ ކަމަށެވެ.

ބޮންޑޭގެ ވާހަކަތަކާ ގުޅިގެން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ ނިޒާމީ ނުކުތާ ނަންގަވާ "ހަކުރުގަނޑަކީ" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްތޯ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ބޮންޑޭ ވިދާޅުވީ، "ހަކުރު ދެންޏާ ބޮޑުބޭބެ"ގެ ވާހަކަ ދިވެހިން ކުރިންވެސް ދައްކާ ކަމަށާއި، ދައްކަނީ އެވާހަކަ ކަމަށެވެ. އަދި ހެވާ ނުބައި އިނގެން ޖެހޭނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.