ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ހާމަކޮށްފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެފަހު ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 81 ޕަސަންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.
ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.