Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ޓޫރިޒަމް ދާއިރާ އިން ޔޫކޭގައި ކިޔަވަން ސްކޮލަޝިޕް

ޓޫރިޒަމް ދާއިރާ އިން އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ސްކޮލަޝިޕްތަކެއް ރާއްޖެ އަށް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ.

ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތް ޓޫރިޒަމް ދާއިރާ އިން ސްކޮލަޝިޕް ފުރުސަތުތަކެއް ދިނުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ސަރުކާރުގެ ގްލޯބަލް ސްކޮލަޝިޕް ޕްރޮގްރާމް، ޗީވްނިން ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުންނެވެ.

އިނގިރޭސިވި ސަފީރު ކެރޮން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރަށް ބާރަށް ކުރިއަރަމުންދާ އިރު، އެ ދާއިރާއިން މީހުން ބިނާކުރުމަކީ ވަރަށް މުހިއްމު ކަމަށެވެ.

"މި ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލްކުރާ މީހުން ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ރާއްޖޭގެ ފަތުރުވެރިކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އުންމީދުކުރަން." އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ މި ސްކޮލަރޝިޕްގެ ސަބަނުން އިންޑަސްޓްރީ އަށް ހުނަރުވެރި ގާބިލު ބަޔަކު ދާއިރާ އަށް ނެރެވިގެންދާނެ ކަމަށެވެ. ޤަބޫލްކުރާ ކަމަށެވެ.

"މި ސްކޮލަޝިޕް ޕްރޮގްރާމް މެދުވެރިކޮށް ރަނގަޅު ނަތީޖާތަކެއް ނުކުންނާނެކަމުގެ ޔަގީންކަން އެބައޮތް." ނަޒީރު ވިދާޅުވި އެވެ.

ޗީވްނިން ސްކޮލަޝިޕަކީ ޓޫރިޒަމްގެ ދާއިރާ އިން އިނގިރޭސިވިލާތުގެ އެކްރެޑިޓެޑް ޔުނިވަސިޓީއަކުން، އަހަރު ދުވަހުގެ މާސްޓާސް ޑިގްރީ ލެވަ ލްއަށް ކިޔެވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. މަޓީއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދެ ސްކޮލަޝިޕްގެ ފުރުސަތު ލިބޭނެ އެވެ.