Last Updated: July 18, 17:45
Sunday, July 19, 2026
ކުޅިވަރު

ހުރިހާ ފުޓްބޯޅަ މުބާރާތަކުން ރަޝިއާ ސަސްޕެންޑް

ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ މުބާރާތްތަކުން ރަޝިއާ ސަސްޕެންޑް ކުރަން ފީފާ އަދި ޔޫއެފާ އިން މިރޭ ނިންމައިފި އެވެ.

ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގެ ގައުމީ ޓީމާއި އަދި އެގައުމުގެ ތަމްސީލުކުރާ ކްލަބުތައް ފީފާ އަދި ޔޫއެފާ އިން އިންތިޒާމު ކުރާ ހުރިހާ މުބާރާތްތަކުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަޔާނުގައި ވަނީ ފުޓްބޯޅަ އާއިލާ އޮތީ ޔުކްރޭނު ރައްޔިތުންނާއެކު ކަމަށްވެސް ބުނެފަ އެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ވީހާވެސް އަވަހަކަށް ހުއްޓުމަކަށް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ފީފާގެ މި ނިންމުމާއެކު މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް މެޗުގައި ކުޅުމުގެ ފުރުސަތު ރަޝިއާގެ ގައުމީ ޓީމަށް މިހާރު ވަނީ ގެއްލިފަ އެވެ. އަންނަ މަހުގެ ފަހުކޮޅު ވޯލްޑް ކަޕް ޕްލޭއޮފްގައި ރަޝިއާ ކުޅެން ހަމަޖެހިފައި އޮތީ ޕޮލެންޑާ އެވެ.

މީގެއިތުރުން މި އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަގުތީ ގޮތުން ރަޝިއާގެ އަންހެން ޓީމަށް މިހާރު ވަނީ ގެއްލިފަ އެވެ. އެ މުބާރާތުގައި ރަޝިއާ ލައްވާލާފައިވަނީ ނެދަލޭންޑްސް، ސްވިޑެން އަދި ސްވިޒަލެންޑާއި އެއް ގްރޫޕެއްގަ އެވެ.

މި ނިންމުމާއެކު ޔޫއެފާ އިން މިހާރު ވަނީ ޔޫރޮޕާ ލީގުގައި ވާދަކުރަމުން އަންނަ ރަޝިއާގެ ކްލަބެއް ކަމަށްވާ ސްޕާޓަކް މޮސްކޯ އެ މުބާރާތުން ބޭރުކޮށްލާފަ އެވެ. ޔޫއެފާ އިން ދާދިފަހުން ވަނީ ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފްރާންސް އަށް ބަދަލުކުރުމަށް ވެސް ނިންމާފަ އެވެ.