Last Updated: July 12, 17:10
Sunday, July 12, 2026
ދުނިޔެ

ޓިކްޓޮކަށް މިހާރު 10 މިނިޓްގެ ވީޑިއޯ

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި މިހާރު އެންމެ މަގުބޫލު ޓިކްޓޮކުން 10 މިނިޓްގެ ވީޑިއޯ ލެވޭ ގޮތަށް ހަދައިފި އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ މި އެޕަކީ އެންމެ ފުރަތަމަ 15 ސިކުންތުގެ ވީޑިއޯ އަޕްލޯޑްކުރަން ހާއްސަ އެއްޗެކެވެ. އެކަމަކު ހާއްސަކޮށް އެ ބޭނުންކުރާ ކްރިއޭޓަރުންގެ އެދުމުގެ މަތިން ބަދަލުތަކެއް ގެންނަމުން އައިސް މިދިޔަ އަހަރުގެ ޖުލައިގެ ތެރޭގައި ތިން މިނިޓްގެ ވީޑިއޯ ލެވޭ ގޮތަށް ވެސް ހެދި އެވެ.

އެއަށް ފަހު މިހާރު މިއޮތީ އޭގެ ތިންގުނަ އަށް ވުރެ ދިގުކޮށް ވީޑިއޯ އަޕްލޯޑްކުރެވޭނެ ފުރުސަތު ފަހިކޮށް ދީފަ އެވެ. ޓިކްޓޮކުން ބުނި ގޮތުގައި މި ބަދަލާ އެކު ކޮންޓެންޓްތައް އިތުރަށް މުއްސަނދިވެ، ކްރިއޭޓަރުންގެ އުފެއްދުންތެރިކަން ވެސް އިތުރުވާނެ އެވެ.

އަލަށް މި ގެނައި ބަދަލަށް ބަލާ އިރު މިއީ ކެއްކުމާ ބެހޭ ޑެމޯތަކާއި އެޑިއުކޭޝަނަލް ކޮންޓެންޓްތަކާއި ބިއުޓީ ޓިއުޓޯރިއަލްގެ އިތުރުން ކޮމެޑިކް ސްކެޗް ފަދަ އެއްޗެހި ގެނެސްދޭ ކްރިއޭޓަރުން ފަދަ މީސްމީހުންނަށް އެ މީހުންގެ ކޮންޓެންޓް އިތުރަށް ވަރުގަދަކުރަން ލިބުނު ފުރުސަތަކަށް ވާނެ އެވެ.

ޓިކްޓޮކަށް އަޕްލޯޑްކުރެވޭ ވީޑިއޯގެ ދިގުމިނަށް ގެނައި މި ބަދަލާ އެކު، ދެން ޔޫޓިއުބަށް އަނެއްކާ ވެސް ބޮޑު ވާދަވެރިކަމެއް ކުރިމަތިވާނެ އެވެ. ފޭސްބުކް ވެސް ހިންގާ މެޓަގެ އިންސްޓަގްރާމަކީ ވެސް ޓިކްޓޮކާ ވަރަށް ވާދަކުރަން އުޅޭ ޕްލެޓްފޯމެކެވެ. އިންސްޓަގްރާމްގެ "ރީލްސް" އަކީ ޓިކްޓޮކް ނަކަލެކެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 2.91 ބިލިއަނަށް އަރަ އެވެ. މިދިޔަ އަހަރު ވެސް އެއަށް އާމްދަނީގެ ގޮތުގައި 28.8 ބިލިއަން ޑޮލަރު ލިބުނެވެ.