Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާއިން ވަކިކުރާތީ ކުއްލި މައްސަލައެއް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާތަކުން ބައެއް މީހުން ވަކިކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައިގަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)އެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 23 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ވައްޑޭ ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ދީފައި ވީނަމަވެސް އެބާރުތައް ބޭނުން ކުރަން ޖެހޭނީ ވަކި ހަމަތަކަކާއި އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން މަގާމުތަކަށް އައްޔަންކޮށްފައިވާ މީސްމީހުންގެ ތެރެއިން ވަކި ބަޔަކު އިންތިޚާބުތަކާ ދިމާކޮށް އަދި ވަކިން ހާއްސަކޮށް ވެރިކަން ހިންގާ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަކި ކުރުމަށް ނިންމާ، ވަކި ކުރުމަކީ އެ ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން ބުނެފައިވަނީ އިންތިހާބާ ގުޅުވައިގެން، ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު މަގާމުން ވަކިކޮށްފައިވާ ކަމަށާއި އަދި މިއީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް އިތުބާރު ގެއްލޭނެ ފަދަ ކަމެއް ކަމަށެވެ.

އާމިރު ވަކިކުރި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މިމައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި މިކަމަކީ އެމްޑީޕީ ޗެއާޕާސަން އިންތިހާބާ ދިމާކޮށް ކޮށްފައިވާ ކަމެއްކަމަށްވެސް ބައެއް މެމްބަރުން ސިފަކުރެއެވެ.

މިމައްސަލައިގައި ރައީސް ނަޝީދުގެ ފާޑުކިޔުން ރައީސް ސޯލިހަށްވެސް އަމާޒުވެފައިވެއެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން. އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީ އިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ" ނަޝީދު ވިދާޅުވި އެވެ.