ފެނަކައިގެ ކަންކަން ހައްދުން ނައްޓާފައިވާކަމަށާއި، ކޮރަޕްޝަން އިންތިހާއަށް އޮތްތަނަކަށް ފެނަކަ ވެފައިވާކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރާތީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ތެރެއިން ފެނިގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަރަށް ބޮޑަށް ނުފޫޒު ފޯރާފައިވާތަންކަމަށެވެ.
"މިސަރަހައްދު [މާލެ]ގެ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިން. އެހެންނަމަވެސް ކުއްލި ގޮތަކަށް ކ. ހުރާ އިންޖީނުގެ މިއަދު މި ހަވާލުކުރަނީ ފެނަކައަށް. މިކަން މިކުރާ ސަބަބަކީ ގިނަ ބައިވަރު ވަޒީފާތަކެއް އިއުލާނުކޮށް، އެރަށުގެ ކުދިންނަށްދީ، ރޮޒައިނާ އާދަމަށް ގިނަ ވޯޓުތަކެއް ހޯދުމަށްޓަކައި. އެއީ އޭނާގެ [ރޮޒައިނާގެ] ގެސްޓްހައުސެއް އެރަށުގައި ހިންގާތީވެ." ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ ފެނަކައިގެ ކަންކަން ހައްދުން ނައްޓާފައިވާކަމަށާއި، ކޮރަޕްޝަން އިންތިހާއަށް އޮތްތަނަކަށް ފެނަކަ ވެފައިވާކަމަށެވެ.
މީގެއިތުރުން ވާހަކަދައްކަވަމުން ޝިޔާން ވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އަހުމަދު ހަމްދާނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ވިދާޅުވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީ ސިޔާސީ ގޮތުން ވަކި މީހަކަށް ތާއީދުކޮށް ވަކިމީހަކަށް ވޯޓުދޭގޮތަށް ކަންކަން ހިނގާ ޕޮލިސީއަކަށް ވެގެން ނުވާނެކަމަށެވެ.
"ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީ ހަމްދާން، މިހާރުވެސް ހަމަ ރަށްރަށަށް ގުޅުއްވާފަ އެ ވިދާޅުވަނީ، މިވަނި ބޭފުޅަކަށް ވޯޓު ނުލައިފިއްޔާ އެކަމެއް ނުހިނގާނޭ، މިކަމެއް ނުހިނގާނޭ. މިއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން." ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ އެމްޑީޕީއަށް ބާކީ އޮތީ ދެ އަހަރު ކަމަށާއި، މި ދެއަހަރުގެ ތެރޭގައި ކަންކަން ކުރެވޭނީ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއް 2023 ގައި ގެނެވޭނީ އެމްޑީޕީގެ މީހުން އެކީގައި ބައިތިއްބައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ސަރުކާރު ބައެއް ކުންފުނިތަކުގައިވެސް ވަޒީފާގެ ކަންކަމުގައި އަމަލުކުރާގޮތުން ނުތަނަވަސްކަން އޮތްކަމަށެވެ. އެގޮތުން ވިދާޅުވީ ނ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށަކީ ވެލިދުއަށް ވީއިރު ނ. އަތޮޅުގައި ވެލިދޫ ފެނަކަ ބްރާންޗްގައި ތިބި މުވައްޒަފުންނަށްވުރެއް އެހެން ރަށްރަށުގައި ފެނަކަ ބްރާންޗްތަކުގައި ވަޒީފާގައި ތިބި މީހުން ގިނަ ކަމަށެވެ.
"ބައެއް ތަންތަނުގައި މުވައްޒަފުން ލާންވެގެން އާދޭސްކުރީމަވެސް އެފުރުސަތެއް ނުދޭ. އެމްޑީއާ ބައްދަލުވާނެގޮތެއް ނޭންގެ. ފޯނެއް ނުނަންގަވާ. މެސެޖަކަށް ޖަވާބެއް ނުދެއްވާ. ކައުންސިލްތަކުން ފޮނުވާ ސިޓީއަށް ޖަވާބެއް ނުދެއްވާ." ޝަފީގް ވިދާޅުވިއެވެ.
އާމިރު ވަކިކުރި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މިމައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި މިކަމަކީ އެމްޑީޕީ ޗެއާޕާސަން އިންތިހާބާ ދިމާކޮށް ކޮށްފައިވާ ކަމެއްކަމަށްވެސް ބައެއް މެމްބަރުން ސިފަކުރެއެވެ.
މިމައްސަލައިގައި ރައީސް ނަޝީދުގެ ފާޑުކިޔުން ރައީސް ސޯލިހަށްވެސް އަމާޒުވެފައިވެއެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.