މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު މެމްބަރުންނަށް ހައްޤު މިންވަރަކީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް ވަޒީފާއިން ވަކިކުރުންތޯ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށް ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު ވަޒީފާއިން ވަކިކުރި މައްސަލައިގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ކޮންކްރީޓް މެޝިނަށް ވޯޓުލީ ދުވަހު ފުލުހުންނާ ދެކޮޅަށް އެ އިންތިހާބު ހިންގި ކަމަށްޓަކައި ދުވާފަރު އާމިރު ޖަލުގައި ހަ ދުވަހު އޮތް ކަމަށެވެ. އެ ހަންދާން މިއަދު ސަރުކާރުން ނެތީތޯ ސުވާލު އުފައްދާ ފިރުޝާން ވަނީ އެގޮތަށް ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށާއި، އަދި ވަޒީފާގެ ބިރު ނުދެއްކޭނެ ކަަމަށެވެ.
ވެރިކަމަށް އައުމަށް އެމްޑީޕީން އެންމެ ބާރަށް ދެއްކި ވާހަކައަކީ ވަޒީފާގެ ބިރު ނުދެއްކޭނެ ކަމުގެ ވާހަކަކަން ފާހަގަކޮށް ފިރުޝާން ވަނީ އެމްޑީޕީގެ މެމްބަރުންނަށް ހައްޤު މިންވަރަކީ އިންތިހާބުތަކާ ދިމާކޮށް ވަޒީފާއިން ވަކިކުރުންތޯ ސުވާލު އުފައްދަވާފައެވެ.
"ކޮން ކަމެއް ނުވެގެންތޯ މިއުޅެނީ؟ ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުންނާ ބޮޑު ސަރުކާރަކާ، ބޮޑު ފުޅާ ކޯލިޝަނަކާ އެއްކޮށް ކޮން ކަމެއް ނުވެގެންތޯ މިއުޅެނީ، އާންމު މެމްބަރުން ވަކިކުރަން. މިޕާޓީގެ ގްރާސްރޫޓްގައި މަސައްކަތްކުރި އާންމު މެމްބަރުން، އާއިލާއާ އަނބިދަރިން ދޫކޮށް ޖަލަށާ، އަދި އަނިޔާގެ ކުރިމައްޗަށް މުގުރުގެ ކުރިމައްޗަށް، ޕެޕަރ ސްޕްރޭގެ ކުރިމައްޗަށް ނިކުތް މީހުން މިއަދު ވަޒީފާއިން ވަކިކުރަން ލަދެއް ނުގަނޭތޯ؟"
ފިރުޝާން ވަނީ އެމްޑީޕީގެ އާންމު މެމްބަރުންގެ ހައްޤު މިންވަރަކީ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ވަޒީފާއިން ވަކިކުރުންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެގޮތަށް ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަކީ އާންމު މެމްބަރުންގެ ޕާޓީއެއްކަން ފާހަގަކޮށް ފިރުޝާން ވިދާޅުވީ އެމްޑީޕީއަކީ ތިރިން މައްޗަށް ހިނގާ ޕާޓީއެއް ކަމަށާއި، އެމްޑީޕީގައި ބާރު ގަދަވާނީ އާންމު މެމްބަރުން ކަމަށެވެ.