އެމްޑީޕީއަށް ގުރުބާންވި އާންމު މެމްބަރުންނަށް ނިސްބަތްކޮށް މެއްސަށް، ކުކުޅަށް ގޮވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެކަން ބަލައި ނުގަންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިޙާބާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
"މިއަދު ޕާޓީގެ އެތެރޭގެ އިންތިހާބެއް ހިނގަމުންދާއިރުގައި، ޕާޓީއަށް އެތައް ގުރުބާނީއެއްވެފަތިބި މެމްބަރުންނަކީ މެއްސަށް، ކުކުޅަށް ހެދީމަކާ ރަނގަޅެއް ނޫން."
ޕާޓީ އެކުވެރިކުރުމުގެ ވާހަކަ ދައްކާއިރު ކޮންމެ ދުވަހަކު ޕާޓީގެ އަގުވައްތާ ޕާޓީގެ މެމްބަރުންގެ އަގުވައްޓަން ކުރަމުންގެންދާ މަސައްކަތް ކުއްވެރިކުރާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މީގެއިތުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި އީވާ ދެއްކި ވާހަކައަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ މި ޕާޓީގެ ހުރިހާ މެންބަރުން، ހުރިހާ މެންބަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާޙުގެ ނަމެއް ވިދާޅެއް ނުވޭ، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރުގެ ނަމެއް ވިދާޅެއް ނުވޭ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރުގެ ނަމެއް ވިދާޅެއް ނުވޭ، ގަމު ދާއިރާގެ އިއްޒަތްތެރި މެންބަރު ފައްޔާޒް އިސްމާއީލް އޭރު ކުރެއްވި މަސައްކަތުގެ ވާހަކަ ވިދާޅެއް ނުވޭ." އީވާގެ ވާހަކައަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އޭރު ހުރިހާ މެމްބަރުންވެސް އެއްވަރަކަށް މަސައްކަތް ކުރިކަމަށާއި، އެއީ ވަކިބަޔަކު ކުރި މަސައްކަތްކަމަށް ވިދާޅުވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.