Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

"ބީީޓެކް ޕޯލްޓްރީ ފާމް" އިން ކުކުޅު ވިއްކަން ފަށައިފި

އައްޑޫގައި ކުކުޅު އާލާކޮށް ކުކުޅުގެ ވިޔަފާރި ފުޅާކުރުމަށް ހިތަދޫ ކުންފުންޏެއް ކަމަށްވާ ބީޓެކުން ގާއިމުކުރި "ބީޓެކް ޕޯލްޓްރީ ފާމް" އިން މިއަދު ކުކުޅު ވިއްކަން ފަށައިފި އެވެ.

ރާއްޖޭން ބޭރުން ފިޔޮއް އެތެރެކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން މިއަދުން ފެށިގެން ކުކުޅު ކިލޯއެއް 65ރ. އަށް ގަންނަން ލިބޭނެ އެވެ. ކުކުޅު ވިއްކުމުގެ މަސައްކަތް ކުރިއަށް ދާނީ ހިތަދޫ ލޯކަލް މާރުކޭޓްގަ އެވެ. އެތަނުން ކަތިލައިފައި އަދި ދިރޭކުކުޅު ވެސް ވިއްކާނެ އެވެ.

ކުކުޅު ވިއްކަން ފެށުން މިއަދު އިފުތިހާތުކޮށް ދެއްވީ އައްޑޫ މޭޔަރު އަލީ ނިޒާރާއި އައްޑޫގެ ކުރީގެ މޭޔަރު އަދި މިހާރު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ބީޓެކް މެނޭޖިން ޑިރެކްޓަރު ހުސައިން މުހައްމަދު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ މިއަދުން ފެށިގެން ކުކުޅު ވިއްކަން ފެށި ނަމަވެސް އެއްވެސް ދިމާލަކަށް ޑެލަވަރީގެ ހިދުމަތެއް ނުދޭ ކަމަށެވެ. އެހެންވެ ލޯކަލް މާރުކޭޓުން ދުވާލުގެ ވަގުތުތަކުގައި ކުކުޅު ގަންނަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ކުކުޅު ގަންނަން ބޭނުންވާ މީހުންނަށް މި ނަމްބަރުން 7795255 އިތުރު މައުލޫމާތު ލިބޭނެ އެވެ.

ހުސައިން ވިދާޅުވި ގޮތުގައި "ބީޓެކް ޕޯލްޓްރީ ފާމް" އިން މިއަދު ކުކުޅު ވިއްކަން ފެށިޔަސް މިއީ އަދި އެތަނުގެ މަސައްކަތް ރަސްމީކޮށް ފެށުން ނޫން ކަމަށެވެ.

"ލިމިޓެޑް ސްޓޮކެއް މި ވަގުތު ހުރީ ވެސް. ޓްރަޔަލްއެއްގެ ގޮތުން މިއަދު މިކަން ފެށުމަށް ފަހު މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން އިތުރަން ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން އަދި ހުރުމާ އެކު ދެން އެތެރެކުރެވޭ ކުކުޅުގެ ޝިޕްމެންޓާ އެކު މަސައްކަތް އިތުރަށް ފުޅާކުރަން ފެށޭނެ." ބޮޑު އިންވެސްޓަންޓެއްކޮށްގެން ހަދާފައިވާ ޕޯލްޓްރީ ފާމާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ކުކުޅުމަހަކީ ޑިމާންޑު ބޮޑު އެއްޗަކަށްވުމާ އެކު ފަސޭހަ އިން ކުކުޅުމަަސް އަބަދު ލިބޭނެ ގޮތް ފަހިކުރުން ކަމަކި އެންމެ ބޮޑު އަމާޒެވެ.

"މިކަމަށް އަހަރެމެން ހެދި ފެސިލިޠީ ވެސް މި ވަގުތަށް ހަމަ ފުދޭ ވަރަކަށް ބޮޑު. އެކަމަކު ވެސް މުޅި އައްޑު އަށް ކޭޓަކޮށްދޭން ދަތިތަކެއް އެބަހުރި. މިއީ ފުދޭ ވަރެއްގެ ބޮޑު މަަސައްކަތެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އަމާޒަކީ އެޓްލީސްޓް ހިތަދު އަށް ބޭނުންވާ ވަރަށް ކުކުޅު ފޯރުކޮށްދެވޭ ގޮތަށް ގޮތަށް މިކަން ކުރުން. ކުރިއަށް އޮތް ދުވަސްތަކުގައި ގެނެވޭ ޝިޕްމެންޓްތަކާ އެކު މިކަން އިތުރަށް ފުޅާކުރެވޭނެ. އެކަމަކު އަދި ހައެއްކަ މަސްވަރު ނަގާނެ ފާމްގެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރަން. އޭރުން އަދި ތަން ވެސް ރަސްމީކޮށް ހުޅުވަން ވިސްނާފައި އޮތީ."

އަދި ކުރިއަށް އޮތް ތަނުގައި "ބީޓެކް ޕޯލްޓްރީ ފާމް" އިން ކުކުޅުބިސް ވެސް ގަންނަން ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ އެވެ.