Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ހުޅުމީދޫ ޑިޓޮކްސް ސެންޓަރަށް މުވައްޒަފުން ހޯދަނީ

ހުޅުމީދޫ ޑިޓޮކްސް ސެންޓަރު. ފޮޓޯ/ އިބްރާހީމް ޒުހުރީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން ހުޅުމީދޫގައި ހެދި ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވަން ތައްޔާރުވަމުން އަންނާތީ އެތަނުގެ ބައެއް މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ސެންޓަރަށް ހޯދަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ރެޖިސްޓާޑް ނަރުހުންނާއި މެޑިކަލް އޮފިސަރަކާއި ސެކިއުރިޓީ އޮފިސަރުން ހިމެނެ އެވެ.

މެޑިކަލް އޮފިސަރުގެ ގޮތުގައި އެކަކު ބޭނުންވާ އިިރު، އެ މަގާމަށް ކުރިމަތިލާން މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓާޑް ދެ ނަރުހުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 7 އާ ހަމައަށެވެ. ސެކިރިޓީންގެ ވަޒީފާ އަށް ކުރިމަތިލާން ދިން ސުންގަޑި އިއްޔެ ވަނީ ހަމަވެފަ އެވެ.

ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ އިރު މިދިޔަ މަހު އެންޑީއޭ އިން ވަނީ އެތަނަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 12، 2020 ގަ އެވެ. އެތަނުގެ މަސައްކަތް އެ ކުންފުނިން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.