އެޕަލް ކުންފުނީގެ އުފެއްދުންތައް ރަޝިއާގައި ވިއްކުން ހުއްޓާލައިފި އެވެ.
އެޕަލް އިން މިފަދަ ނިންމުމެއް ނިންމާފައިވަނީ އެ ކުންފުނީގެ އުފެއްދުންތައް ރަޝިއާގައި ވިއްކުން ހުއްޓާލުމަށް ޔުކްރޭންގެ އިސްވެރިން އެޕަލް އަށް ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.
އެޕަލް އިން ބުނީ އެ ކުންފުނީގެ އުފެއްދުންތައް ރަޝިއާގައި ވިއްކުން ހުއްޓާލުމުގެ އިތުރުން އެޕަލް ޕޭ އަދި އެޕަލް މެޕްސްގެ ހިދުމަތް ލިމިޓްކޮށްފައިވާ ކަމަށެވެ.
އެޕަލް އިން ވަނީ ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކާ މެދު ކަންބޮޑުވާކަން ވެސް ހާމަކޮށްފަ އެވެ. އަދި އެ ކުންފުނި އޮންނާނީ މި ހަމަނުޖެހުމުގެ ސަބަބުން އަނިޔާ ތަހައްމަލު ކުރަން ޖެހިފައިވާ ފަރާތްތަކާއެކު ކަމަށްވެސް އެޕަލް އިން ބުނެ އެވެ.

އެޕަލްގެ އިން މި ނިންމުން ނިންމިއިރު ރަޝިއާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ނޫސްތައް ގޫގުލްގެ ނިއުސް ފީޗާ އިން ނުފެންނަ ގޮތް ހަދާފަ އެވެ. އަދި ޔޫޓިއުބް އިން ވަނީ ރަޝިއާގެ ބައެއް ޗެނަލްތައް ނުފެންނަ ގޮތް ވެސް މިހާރު ހަދާފަ އެވެ. މީގެއިތުރުން ނައިކް އިން ވެސް ވަނީ އެ ކުންފުނީގެ އުފެއްދުންތައް ރަޝިއާގައި ވިއްކުން ހުއްޓާލާފަ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާ އިން ޔުކްރޭނަށް ހަމަލާތައް ދެމުންދާއިރު ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ރަޝިއާ އިން ނުގެންގުޅެ އެވެ.