Last Updated: July 21, 18:02
Tuesday, July 21, 2026
ރިޕޯޓް

އައްޑޫ ކޮވިޑްގެ ހާލަތު މިހާރު ސާފެއް ނޫން!

މާލޭން ބޭރަށް ބަލާ އިރު، ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު އެންމެ ގިނައީ އައްޑޫގަ އެވެ. މި އަހަރު ފެށުނު ފަހުން ކޭސްތައް އިތުރުވާ މިންވަރު ވަރަށް ބޮޑަށް މައްޗަށް ޖެހިފައިވެ އެވެ.

އައްޑޫ އިމަޖެންސީ އޮފަރޭޝަން ސެންޓަރު (އީއޯސީ) އިން މިދިޔަ މަހުގެ ކުރީކޮޅާ ހަމައަށް ތަފާސްހިސާބުތައް ވެސް ކޮންމެ ދުވަހު އާންމުކުރަމުން ދިޔަ އެވެ. އެހެންވެ ބަލީގެ ހާލަތު އޮތް މިންވަރު ވަޒަންކުރަން ވަރަށް ބޮޑު ފަސޭހައަކަށްވި އެވެ. އެކަމަކު މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން ކަހަލަ ގޮތަކަށް ތަފާސްހިސާބުތައް އާންމުކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެހެންވެ ބަލީގެ ހާލަތު މިހާރު އޮތް ގޮތެއް ސާފެއް ނޫނެވެ.

އެކަމަކު އެކްޓިވް ކޭސްތައް އަދިވެސް އައްޑޫގައި ކަންބޮޑުވުމަކަށް ވާން ނުޖެހޭ ވަރަށް ދަށަކަށް ނުދެ އެވެ. އެންމެ ފަހުން ކޮވިޑާ ގުޅޭ ތަފާސްހިސާބު އީއޯސީން އާންމުކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އެ ދުވަހު އާންމުކުރީ 24 ވަނަ ދުވަހުގެ ނަމްބަރުތަކެވެ. އެ ނަމްބަރުތަކަށް އެ ދުވަހު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 44 އެވެ. އެއާ އެކު 24 ވަނަ ދުވަހާ ހަމައަށް ޖުމްލަ ކޭސްތަކުގެ އަދަދަކީ 723 އެވެ. ބަލީގައި އައްޑޫން މިހާތަނަށް 16 މީހަކު މަރުވެފައިވެ އެވެ.

ތަފާސްހިސާބުތައް އާންމުނުކުރާތީ މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ސާފު ނުވިޔަސް، ބައެއް މީހުންނަށް މިހާރު އެކަން މައްސަލައަކަށް ވެސް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން ބައެއް މީހުން ބުނާ ވާހަކަ އަކީ ރަނގަޅީ ވެސް ތަފާސްހިސާބުތައް އާންމުނުކުރިއްޔާ އެވެ. ސަބަބީ އެ ނަމްބަރުތަކުން ގެނުވައި ދެނީ ބިރުވެރިކަމާއި ހާސްކަމެވެ. ކަންބޮޑުވުންތަކެވެ. އަދި ތަފާސްހިސާބުތައް އާންމުކުރަނީ ވެސް އާންމުން ބިރުގެންނެވުމަށްޓަކަ އެވެ.

އެހެންވެ ނަމްބަރުތަކާ ދޭތެރޭ ފިކުރުކުރުމަށް ވުރެ ބައެއް މީހުންނަށް މުހިއްމީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އައްޑޫގައި "ހައްދެއް ނެތް މިންވަރަށް" ލިބިފައި އޮތް ލުއިތަކާ އެކު، ކޮވިޑް ވަބާގެ ކުރިން އުޅުނު ގޮތަށް އުޅެވޭނެ ފުރުސަތެވެ. "ބޮޑު މަންޒަރުން" ފެންނަނީ ވެސް އެހެންނެވެ. ކޮވިޑާ ކޮވިޑެވެ. ބައްޔާ މެދު މިހާރު އާންމުން ސީރިއަސްއެއް ނޫނެވެ.

ގިނަ ބަޔަކު އެއްވެގެން ކުރާ ކަންކަން ހަމަ ފޯރީގައި ބާއްވަނީ އެވެ. ދަތުރު ދިއުމާއި ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި ޕާޓީތަކާއި އެ ނޫން ވެސް ހަމަ ހުރިހާ ހަފުލާތަކެއް ހަމަ އެންމެ ކުރިން ވެސް ބާއްވަމުން އައި ގޮތަށް ބާއްވަމުން ދަނީ އެވެ. ހަމަމިއާ އެކު ފާހަގަކޮށްލެވޭ އެއް ކަމަކީ މާސްކަށް ވެސް ފަރުވާކުޑަކުޑަ ކުރެވޭ ކަމެވެ. މަގެއްގެ މަތިން ދުއްވައިލާ އިރު މާސްކް ނާޅައި، އުޅޭ މީހުންނާއި މާސްކް ދަތްދޮޅިދަށަށް ތިރިކޮށްގެން އުޅޭ މީހުން ފެނުމަކީ ހަމަ މިހާރު ވަރަށް އާންމު ކަމެކެވެ.

ކޮވިޑާ މެދު އޮތް ސީރިއަސްކަން މިހާ ބޮޑަށް ފިލައި ދިޔައީ ފަހަރުގައި ވެކްސިންއާ ހެދި ކަމަށް ވެދާނެ އެވެ. ގިނަ ބަޔަކު މިހާރު ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފަ އެވެ. އަދި ބޫސްޓަ ޑޯޒް ވެސް އައްޑޫގައި ވެސް ޖެހުމުގެ ކަންކަން ކުރިއަށްދާ އިރު، ބޫސްޓަ ޖެހި މީހުންގެ އަދަދު ވެސް މިހާރު މަދެއް ނޫނެވެ.

އެކަމަކު ސުވާލަކީ ކޮވިޑާ މެދު އޮތް ސީރިއަސްކަން ދޫކޮށްލަން ވެއްޖެތޯ އެވެ؟