އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ވެސް ފޮނުވައިފަ އެވެ. އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެއެވެ. ނަމަވެސް ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވީ ފަސް ނަމެކެވެ.
1. އަލްއުސްތާޒު އާދަމް ޝާމިލް، ރަތްވިލާގެ/ތ. ވިލުފުށި
2. އަލްއުސްތާޒު އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
3. އަލްއުސްތާޒު ތާހާ މުހައްމަދު، ކަޅިހާރުގެ/އދ. މާމިގިލި
4. އަލްއުސްތާޒާ ޝަޒްނާ ހާޝިމް، ރިހިވިލު/ހދ. ނޮޅިވަރަންފަރު
5. އަލްއުސްތާޒާ ޝިޔާމާ މުހައްމަދު، ނާރެސް/ރ. ހުޅުދުއްފާރު
މި ބޭފުޅުންނާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މަޖިލީހުން ވަނީ ހުޅުވާލައިފަ އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުން pic.twitter.com/kfWDEtCBmU
— People's Majlis (@mvpeoplesmajlis) March 1, 2022
އޭސީސީ އަށް މެމްބަރިން އައްޔަންކުރަން ރައީސް މަޖިލީހަށް އާ ނަންތަކެއް ފޮނުއްވީ، ކުރިން އެ ކޮމިޝަންގައި ތިއްބެވި ފަސް މެންބަރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މެމްބަރުން އިސްތިއުފާ ދެއްވީ އެ ބޭފުޅުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން މެމްބަރުން ވަކިކުރަން ނިންމުމާ ގުޅިގެންނެވެ.