ރޯދަ މަހަށް ހާއްސަކޮށްގެން މާލޭގައި ބާއްވަމުން އަންނަ މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނީ ރޯދަ މަހުގެ ދެ ވަނަ ދުވަހު ފަށާ ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކުރިއެކޭ އެއްގޮތަށް މި އަހަރުގެ "މައިލޯ ކްރިކެޓް ކާނިވަލް" ވެސް ކުރިއަށް ގެންދާނީ ތިން މުބާރާތެއްގެ ގޮތުގަ އެވެ. އެއީ އޯޕަން ޓޭޕް ބޯލް އާއި އޮފީސް ޓޭޕް ބޯލްގެ އިތުރުން ކޮމްޕެނީ ޓޭޕް ބޯލް އެވެ.
އޯޕަން ޓޭޕް ބޯލް މުބާރާތުގައި ވާދަކުރާނީ 12 ޓީމެކެވެ. ބައިވެރިވުމުގެ ފީ އަކީ 1،000ރ. އެވެ. އޮފީސް ޓޭޕް ބޯލް މުބާރާތުގައި ވާދަކުރާނީ 8 ޓީމެކެވެ. ބައިވެރިވުމުގެ ފީ އަކީ 1،500ރ. އެވެ. އަދި ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ވާދަކުރާނީ 16 ޓީމެކެވެ. ބައިވެރިވުމުގެ ފީ އަކީ 5،000ރ. އެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 10 ޖާޒީ ދޭނެ އެވެ. ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ކުޅުންތެރިއެއް، އެންމެ ގިނަ ވިކެޓް ނަގާ ކުޅުންތެރިއެއް އަދި އެންމެ މޮޅު ދެ ޓީމަށް ފައިސާގެ އިމާނު ދޭނެ އެވެ.
މައިލޯ ކްރިކެޓް ފެސްޓިވަލާ ބެހޭ އިތުރު މައުލޫމާތު 3325503/9676757 އިން ހޯދޭނެ އެވެ.