ހިތަދޫ ކުންފުންޏެއް ކަމަށްވާ "ބީޓެކް ޕޯލްޓްރީ ފާމް" އިން އިއްޔެ ކުކުޅު ވިއްކަންް ފެށުމާ އެކު ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނުން ބުނެފި އެވެ.
ބީޓެކް މެނޭޖިން ޑިރެކްޓަރު ހުސައިން މުހައްމަދު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ކުކުޅުގެ ވިޔަފާރި ކުރިއަށްދާ ގޮތަށް ބަލާ އިރު އެންމެ ބޮޑު ބިރަކީ މި ވަގުތު ޑިމާންޑާ އެއްވަރަށް ކޭޓަކޮށް ނުދެވިދާނެތީ އެވެ.
"މިއީ އަޅުގަނޑުމެންގެ [ކުކުޅުގެ] ފުރަތަމަ ބެޗަށްވެފައި ސްޓޮކް ވެސް ފުދޭ ވަރަކަށް ލިމިޓެޑްކޮށް ހުރީ،" އޭނާ ވިދާޅުވި އެވެ. "އުންމީދުކުރި ވަރަށް ވުރެ ބާރު ބޮޑުކޮށް މި ދަނީ. އެހެންވެ މާރުކޭޓްގައި ކުކުޅުގެ ވިޔަފާރި ވަރަށް ހަލަބޮލިކޮށް ފެންނަނީ."
ބީޓެކްގެ ކުކުޅު ވިއްކަނީ ހިތަދޫ ލޯކަލް މާރުކޭޓްގަ އެވެ. ކިލޯއެއް ވިއްކަނީ 65ރ. އަށެވެ. އަދި ވިއްކުން ކުރިއަށް ދާނީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:30 ހަމައަށެވެ. ކަތިލައިގެންނާއި ކަތި ނުލައި ވެސް ކުކުޅު ވިއްކާނެ އެވެ.

ހުސައިން ވިދާޅުވި ގޮތުގައި މިކަން ފެށުމާ އެކު މިއީ ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމެއްކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެހެންވެ އެންމެ ބޮޑު އަމާޒަކީ "ބީޓެކް ޕޯލްޓްރީ ފާމް" މެދުވެރިކޮށް މެދުނުކެނޑި އަބަދު ކުކުޅު ލިބޭނެ ގޮތް ހެދުމެވެ.
"އެކަމަކު އެކަމަށް އަދި ވަގުތު ނަގާނެ. މިއީ ފުދޭ ވަރެއްގެ ބޮޑު މަަސައްކަތެއް ވެސް މެ. އަޅުގަނޑުމެން މިހާރު މި އަންނަނީ ކުކުޅުގެ ދެވަނަ ބެޗަކަށް ވެސް ތައްޔާރުވަމުން. އެހެންވީމަ މި ފަހަރު މި ވިއްކާ ބެޗްގައި ހިމެނޭ ސްޓޮކް ހުސްވި ނަމަވެސް މާ ބޮޑު ގެޕެއް ނައިސް އަަނެއްކާ ދެވަނަ ބެޗް ވިއްކަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ. "މީގެ ވިޔަފާރި މެދުކެނޑޭ ގޮތް ދިމާވަންޏާ ވެސް ދަތިތަކެއް ދިމާވާނެ. އެހެންވީމަ މަގުސަދަކީ އެގޮތަށް ދިމާނުވެ އަބަދު ވެސް ކުކުޅު ގަންނަން ލިބޭނެ މަގުފަހިކޮށް ދިނުން."

މި ވަގުތު ކުކުޅު ވިއްކަނީ ހިތަދޫ ލޯކަލް މާރުކޭޓުން ކަމަށް ވިޔަސް، އައްޑޫގެ ގުޅިފައިވާ އެހެން އަވަށްތަކުން ވެސް ކުކުޅު ބޭނުންވެގެން ގުޅަމުން ދެ އެވެ. އަދި ބައެއް ވިޔަފާރިތަކުން ވެސް އަންނަނީ ބޮޑެތި އަދަދުތަކުން ކުކުޅު ލިބޭނެ ގޮތް ހަދައި ދިނުމަށް ވެސް ބީޓެކަށް ޑިމާންޑްކުރަމުންނެވެ.

"އެކަމަކު އަދި މުޅި އައްޑު އަށް މިކަން ފުޅާކުރަން ވަގުތު ނަގާނެ. ފުދޭ ވަރަކަށް މިކަން ޖައްސައިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ވަރަށް މި މަސައްކަތް ކުރިއަކަށް ވެސް ނުގެންދެވޭނެ،" ހުސައިން ވިދާޅުވި އެވެ. "މިއީ ވަރަށް ރަނގަޅު ފެށުމަކަށް ބަލާފައިި ކުރިއަށް އޮތް ތަނުގައި ކުކުޅުގެ ސަޕްލައި ވަރަށް ބޮޑަށް އިތުރުކުރާނަން އަޅުގަނޑުމެން."