Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ފަރުވާ އަށް ޕެސްޓް ދޫކުރި މައްސަލަ އިސްތިއުނާފުކޮށްފި

ރާއްޖޭގެ މައްޝޫރު "ރެޕް ކިންގް" އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)--

މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ރާއްޖޭގެ މައްޝޫރު "ރެޕް ކިންގް" އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާއަށް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ހޯމަ ދަވަހުއެވެ.

އެ އޮފީހުން ބުނެފައިވަނީ އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ، ކްރިމިނަލް ކޯޓުން ޕެސްޓް ޖަލު ބަންދުން ދޫކޮށްލީ ރަނގަޅު ޤާނޫނީ އަސާސެއްގެ މައްޗަށް ކަމަށް ނުދެކޭތީ ކަމަށެވެ.

ޝަރުތުތަކެއް ކުރުމަށްފަހު ބޭސްފަރުވާއަށް ޕެސްޓް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޕެސްޓް ބަންދުކޮށްފައި ހުރިއިރު މީގެކުރިން ވަނީ ދޫނިދޫގައި ބަންދުކޮށްފައި ހުރިއިރު ބޭސްފަރުވާގެ ކަންކަން ގޯސްވެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފައެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕެސްޓްގެ ފަރާތުން މީގެ ކުރިންވެސް ޝަރީއަތުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ޕެސްޓްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ދެކޮޅު ހަދާއިރު، އޭނާގެ ވަކީލުން ބުނެފައިވަނީ އެ މައްސަލައިގައި ޕެސްޓްއާ ގުޅުވައިދޭ ރަނގަޅު ހެކިވެސް ނެތްކަމަށެވެ.