ޗެލްސީ ވިއްކާލަން އެ ކްލަބުގެ އޯނަރު ރޯމަން އަބްރަމޮވިޗް ނިންމައިފި އެވެ.
ރަޝިއާގެ މަހުޖަނު، އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމީ ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރަޝިއާގެ ރައީސް ޕޫޓިންއާ ގާތް ގުޅުމެއް ބާއްވަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އަބްރަމޮވިޗް އަށް ފިޔަވަޅު އަޅަން އިނގިރޭސި ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ބާރު އަޅަމުންނެވެ.
އަބްރަމޮވިޗް މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޗެލްސީ ވިއްކާލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު މިއީ ކްލަބަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޗެލްސީ ވިއްކާލުމުގެ މަސައްކަތް ކުރިއަށްގެންދާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އަދި އޭނާ ކްލަބަށް ދޫކޮށްފައިވާ އެއްވެސް ލޯނެއްގެ ފައިސާ އަނބުރާ ހޯދަން ބޭނުން ނުވާ ކަމަށްވެސް އަބްރަމޮވިޗް ބުނެފައިވެ އެވެ. ލޯނުގެ ގޮތުގައި އޭނާ ޗެލްސީ އަށް ވަނީ 1.5 ބިލިއަންގެ އަދަދެއް ދޫކޮށްފަ އެވެ.
މީގެއިތުރުން ކްލަބު ވިއްކާލައިގެން ލިބޭ ފައިސާ އިން ލިބޭ ފައިދާ ހަދިޔާ ކުރާނީ ހަނގުރާމައިގެ ސަބަބުން އަނިޔާ ލިބިފައިވާ ޔުކްރޭން ރައްޔިތުންނަށް އެހީވުމަށް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
އަބްރަމޮވިޗް ޗެލްސީ ގަނެފައިވަނީ 2003 ވަނަ އަހަރު ކަމަށްވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ޗެލްސީ ވިއްކާލާނީ ދެ ބިލިއަން ޕައުންޑުގެ އަގަކަށެވެ. ޗެލްސީ ގަންނަން އެމެރިކާ، ސްވިޒަލޭންޑް އަދި އޭޝިއާގެ ބިލިއަނަރުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަބްރަމޮވިޗްގެ އޯނަރު ކަމުގައި ޗެލްސީން ވަނީ ކްލަބު ފުޓްބޯޅައިގެ ހުރިހާ ކާމިޔާބީތަކެއް ހޯދާފަ އެވެ.